އަލިފާނުގެ އަސަރުކުރި ގެތަކުން 29 މީހަކު ގެސްޓް ހައުސްތަކަށް
ބުރާސްފަތި ހެނދުނުގެ ވަގުތެއްގައި ތިން މިނިސްޓްރީއެއް ހިންގަމުން އައި މ. ގްރީން ބިލްޑިންގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ސަރަހައްދުގައި ހުރި ތިން އިމާރާތަކުން 29 މީހަކު ގެސްޓް ހައުސްތަކަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއަށް ލިބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:30 ހާއިރު އެވެ.
މައުލޫމާތު ލިބުމާ އެކު އެ ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވާން ފެށި އެވެ. އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއިން ކުރަމުން ދިޔަ މަސައްކަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެމަޖެންސީ ސާވިސަސް ޓީމުން ބައިވެރިވެ އަލިފާން ނިއްވުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ.
އަލިފާން ރޯވި އިމާރާތަކީ ލަކުޑި ޑެކް އަޅައި ޓިނުން ހަދާފައިވާ އިމާރާތެކެވެ. އެއީ ކޮންސްޓްރަކްޝަން މިނިސްޓްރީ އެހެން ތަނަކަށް ބަދަލުކުރަން ކުރި މަސައްކަތުގައި 2008 ވަނަ އަހަރު ބޭނުންކުރަން ފެށި ތަނެކެވެ. ވަގުތީ ގޮތުން އެ ތަން ބޭނުންކުރަން ފެށި ނަމަވެސް އެފަހުން އެ ތަން ދާއިމީ ތަނަކަށް ބަދަލުވީ އެވެ.
ގްރީން ބިލްޑިންގައި ރޯވިއިރު، ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އެ ސަރަހައްދުގައި ހުރި ބައެއް އޮފީސް އިމާރާތްތަކުންނާއި ގެތަކުން މީހުން ނެރެ، އެ ތަންތަން ހުސްކޮށްފަ އެވެ.
ތިން މިނިސްޓްރީއެއް ހިންގަމުން އައި "ޓިނު ބިލްޑިން" ގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެންޑީއެމްއޭ އާއި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) ގެ ޓީމުތަކުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފަ އެވެ.
އެންޑީއެމްއޭއިން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ އޮތޯރިޓީގެ އެހީތެރިކަމަށް އެދި 50 މީހުން ގުޅި ކަމުގަ އެވެ. އެ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ހަދައި، ބޭނުންވާނެ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސޯޝަލް ސެންޓަރުގައި ހެދި އިވެކުއޭޝަން ސެންޓަރު ތައްޔާރީ ހާލަތަށް ގެނަ އެވެ. ނަމަވެސް އާއިލާތަކުގެ އެދުމުގެ މަތިން ވަގުތީ ގޮތުން އެ ފަރާތްތައް ތިމާގެ ގޭގެއަށް ބަދަލުކުރެވުނު ކަމުގަ އެވެ.
އެ އޮތޯރިޓީން ބުނީ ގްރީން ބިލްޑިން ހުރި ސަރަހައްދުގެ 3 އިމާރާތެއްގެ 7 ގޭބީސީއަކުން 29 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެއީ މ. ލޯކަށިގެ، މ. ކުދިމާވިލާ އަދި މ. ލޫބިޔާއިންނެވެ. އެ ގެތަކުން 15 ފިރެހެނުންނާއި 14 އަންހެނުން ބަދަލުކުރަން ނިންމިއިރު، އޭގެ ތެރޭގައި ސިއްހީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއް ހިމެނޭ ކަމަށެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން "ދެން" އަށް ވިދާޅުވީ ވަގުތީ ގޮތުން އެ މީހުން ގެސްޓް ހައުސްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީހުން ބަދަލުކުރީ ދުމުގެ އަސަރު ހުރުމުގެ ސަބަބުން އެ ގެތަކުގައި ދިރިނޫޅެވޭނެ ކަމަށް ބެލެވޭތީ އާއި އަލިފާން ނިންވަން ފެން ޖެހުމުގެ ތެރެއިން އިމާރާތްތަކުގެ ބޭރު ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާތީ ކަމަށެވެ.
"ފަސް ދުވަހުގެ މުއްދަތަށް އެ ފަރާތްތައް މި ބަދަލުކުރީ އެ މީހުން އަނބުރާ އެ ތަންތަން ސާފުކޮށް، އަމިއްލައަށް ބަދަލުވާ ގޮތަށް. ބިއްލޫރިތައް ތެޅިފައި ހުރި ތަންތަން އަޅުގަނޑުމެން ބަލައި އެސެސްކޮށްފައި އޭގެ ބަދަލު އަޅުގަނޑުމެން ކޮމްޕެންސޭޓް ކޮށްދޭނަން،" ހިސާން ވިދާޅުވި އެވެ.
ބިއްލޫރިތައް ތަޅައިގެންދިޔަ ތަންތަން ސާފުކޮށްފައިވާ ކަމަށާއި ވަގުތީ ގޮތުން ފިލައި ޖަހައި ބަންދު ކުރުމަށް ފަހު ބޭނުން ކުރަން އިރުޝާދުދީފައިވާނެ ކަމަށެވެ. އަލިފާނުގެ ސަބަބުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ މަސައްކަތުގެ އިތުރުން އަލިފާނުގެ ހާދިސާ އާ ގުޅިގެން ފެނާއި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ އިމާރާތްތަކަށް ފެނާއި ކަރަންޓު އަލުން ގުޅައިދިނުމުގެ ހިދުމަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެެސްސީ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.
ތިން މިނިސްޓްރީ ހިންގަމުން އައި އިމާރާތަށް ލިބުނު ބޮޑު ގެއްލުމާ އެކު މިނިސްޓްރީތަކުން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން ވަނީ މެދުކެނޑިފަ އެވެ. ހިދުމަތް އަލުން ފެށުމަށް މިނިސްޓްރީތަކުގެ ހިންގުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހައުސިން މިނިސްޓްރީން މިއަދު ބުނެފައި ވަނީ އެ މިނިސްޓްރީގެ ތައްޔާރީތައް މިރޭ ނިންމައި، އާދިއްތަ ދުވަހު ހިދުމަތްދޭން ފަށާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި 3 މިނިސްޓްރީއެއް ހިންގަމުން އައި "ޓިނު ބިލްޑިން" ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އެ ކޮށީގައި ހިންގަމުން އައި މާލެ ސިޓީ ކައުންސިލުގެ ލޭންޑް ބިލްޑިން އެންޑް ވައިޓަލް ސާވިސަސް ޑިޕާޓްމަންޓަށް ވެސް އަލިފާނުގެ އަސަރުކުރި އެވެ.
ކައުންސިލުން ބޭނުންކުރަމުން އައި އެ އިމާރާތުގެ އެންމެ ތިރީގައި ހުންނަނީ ލޭންޑް ސެކްޝަނެވެ. ފުރަތަމަ ފަންގިފިލާ ބޭނުން ކުރަމުން އައީ ވައިޓަލް ސާވިސަސް ސެކްޝަނުންނެވެ. އޭގެ މަތީގައި ހުންނަނީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އެވެ. އެތަނަކީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެކެވެ.
މާލެ ސިޓީ ކައުންސިލުގެ ޑިޕާޓްމަންޓް ހިންގަމުން އައި އިމާރާތާ ގްރީން ބިލްޑިން ގުޅާލާފައި ވަނީ ވިއްސަކަށް ފޫޓުގެ ދިގުމިން ހުންނަ ވޯކްވޭއަކުންނެވެ. އެއީ ޓިނާއި ޑެކު ބޭނުންކޮށްގެން ގާއިމުކޮށްފައިވާ ވޯކްވޭއެކެވެ. އެ ވޯކްވޭއިން ވަދެގެން އައި އަލިފާންގަނޑުން ހުޅުހިފީ ވައިޓަލް ސާވިސަސް ސެކްޝަނުގެ ބިތްގަނޑުގަ އެވެ.
އެ ތަނުގެ ވަށައިގެން ސީލިންގާ ހަމައަށް ޖަހާފައި ހުންނަނީ އެކި ލިޔެކިޔުންތައް ހުންނަ ހަރު ތަކެކެވެ. އޭގެ ތެރޭގައި އުފަންވުމާއި މަރުގެ ރެޖިސްޓްރޭޝަންތަކާއި ލިޔެކިޔުންތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ ތަކެތީގެ އަސްލު ހިމެނެ އެވެ. އަލިފާނުގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އެތަކެތި ހުރި ކޮޓަރިއަށެވެ. ބައެއް ހަރުތައް އެއްކޮށް އަނދާއަޅިއަށްވި އެވެ.
އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލުގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ ތަނުގައި ހުރި ވަރަށް ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ނެރެ ސަލާމަތް ވެސް ކުރި އެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި އިމާރާތަށް ލިބުނު ގެއްލުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ދެމުން އައި އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެހެން ކަންކަން އިންތިޒާމު ކުރަމުންދާ ކަމަށެވެ. އެގޮތުން އެ އިމާރާތުން ދެމުން އައި ވައިޓަލްގެ ހިދުމަތްތައް ހުޅުމާލޭގައި ހުންނަ ކައުންސިލުގެ އޮފީހުން ލިބޭނެކަން ވަނީ ފާހަގަކޮށްފަ އެވެ.
ގްރީން ބިލްޑިންގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވޭވަރުވީ ރޯވިތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުންނެވެ. ނަމަވެސް އިމާރާތުގެ އެތެރެއިން ހޫނު ނުފިލާތީވެ، އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއިން ތައްޔާރީ ހާލަތުގައި އެ ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެ އިމާރާތުން އަދިވެސް ދުން އަރަމުންދާއިރު، ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކޮށް، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބުރާސްފަތި ދުވަހުގެ މެންދުރު ވަނީ ބަދަލު ގެނެސްފަ އެވެ. ފްލޯއަށް ބައެއް ބަދަލުތައް މިހާރު ގެނެސްފައިވާއިރު އެ ސަރަހައްދުގައި ފަޔަލޮރީތައް ހަރަކާތްތެރިވަމުން ދާތީ ބައެއް ހިސާބުތައް އެއްކޮށް އަދި ހުޅުވައެއް ނުލަ އެވެ.
އަލިފާނުގެ ހާދިސާ އާ ގުޅިގެން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނުއިރު، މިނިސްޓްރީއެއް އަދި އިދާރާއެއްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ ތަންތަނުން ވަނީ ބުނެފަ އެވެ. ހާދިސާގައި ހިނގަން މެދުވެެރި ސަބަބާއި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފުސީލު މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.