ދަތްތައް ވަގުތުން ހުދުކޮށްލުމަށް ގެއިން ދެވިދާނެ ބައެއް ފަރުވާ
އިންސާނާގެ ހިނިތުންވުމަކީ އޭނާގެ އެންމެ ރީތި އެއް ސިފަ އެވެ. ރީތި ހިނިތުންވުމަކަށް ރީތި ދަތްތަކެއް ވެސް ބޭނުންވާނެ އެވެ. ރީތި ދަތްތަކެއް ހޯދަން ކުރެވޭނީ ކޮން ކަމެއް ހެއްޔޭ ބައެއް މީހުން ހިތަށް އަރާފާނެ އެވެ. އަދި ގުދުރަތީ ގޮތުން ދަތްތައް އުފެދިފައި ހުންނަ ގޮތަށް ބަދަލު ގެނެވޭނެ ކަމަށް ގަބޫލު ވެސް ނުކޮށްފާނެ އެވެ. ނަމަވެސް މާބޮޑަށް ރަތްވެ ހަޑިވެފައިވާ ދަތްތަކެއް ހުދުކޮށްލައިގެން ވެސް ދަތްތައް ރީތި ކޮށްލެވިދާނެ އެވެ.
ރީތި ދަތްތަކެކޭ ބުނުމުން އޭގެ މާނައަކީ ސިއްހަތު ރަނގަޅު، އޮފް ގަދަ އަދި ހުދު ދަތްތަކެކެވެ. ދަތްތައް ހަޑިވެ ރީނދޫ ވެފައި ހުއްޓާ ހީނލުމަކީ ގަޔަށް ފިނިފެން އެއްޗެއް އަޅާލުން ފަދަ ކަމެއްގެ ގޮތުގައި ބައެއް ޒުވާނުން ސިފަ ކުރަނީ ދަތްތައް ރީތިކޮށް ހުދުކޮށް ހުރުމުގެ މުހިއްމުކަމުން ކަމަށް ބެލެވެއެވެ.
ދަތްތައް ހުދުކުރުމަށް ބާރުގަދަ ކެމިކަލް ހިމެނޭ، ދަތް އުނގުޅާ ބޭސް ފަދަ ތަކެތި ގަންނަން ޖެހޭނެ ހެއްޔެވެ؟ މިކަމަށް ގޭގައި ތައްޔާރު ކޮށްލެވިދާނެ ރަނގަޅު ފަރުވާއެއް ނެތް ހެއްޔެވެ؟
ޖަވާބަކީ ނޫނެކެވެ. ތިރީގައި އެވަނީ ދަތްތައް ހުދު ކުރުމަށް ގޭގައި ދެވިދާނެ ބައެއް ފަރުވާއެވެ.
ދަތުގައި ހުންނަ ރީނދޫކަން ކަނޑުވާލުމަށް ބޭކިން ސޮޑާ އަކީ ރަނގަޅު އެއްޗެކެވެ. ދަތް އުނގުޅާ ބޭސް ބުރުހުގައި ޖެހުމަށްފަހު ބޭކިން ސޮޑާ ކޮޅެއް ބޭސްކޮޅުގެ މައްޗަށް ބުރުވާލާށެވެ. ނުވަތަ ބޭކިން ސޮޑާ ކޮޅަށް ފެން ޖަހައިގެން ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ. މިއިން ކޮންމެ ގޮތަކަށް ދަތް އުނގުޅިޔަސް ވަރަށް އެދެވޭ ނަތީޖާ ފެންނާނެ އެވެ.
ލޮނަކީ ވެސް ދަތް ހުދުކުރުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ދަތް އުނގުޅާ ބުރުހުގައި ލޮނު ޖަހައިގެން ދަތް އުނގުޅާލާށެވެ. ދަތް ހުދުވުމުގެ އިތުރުން ދަތުގައި ރިހުމަށް ވެސް ފަރުވާ އަކަށް ވެއެވެ. ލުނބޯ ހުތަކީ ވެސް ސިއްހަތަށް ގިނަގުނަ ފައިދާ ކުރާ އެއްޗެކެވެ. އަދި ދަތް ހުދުކުރުމަށް ވެސް ލުނބޯ އަކީ ވަރަށް ރަނގަޅު އެއްޗެކެވެ. ދަތްތަކުން ރީނދޫ ކުލައިގެ ލައްތައް ފެނިއްޖެ ނަމަ ލުނބޯ ހުތަށް ލޮނުކޮޅެއް އަޅައިގެން އެއްކުރުމަށްފަހު އެއިން ދަތްތައް ދޮވެލާށެވެ. ނަމަވެސް މިއީ ވަރަށް އެސިޑް ގިނަ އެއްޗަކަށް ވާތީ ކޮންމެ ދުވަހަކު ބޭނުންކުރުން ރަނގަޅެއް ނޫނެވެ.
ގޭގައި ދަތްހުދު ކޮށްލެވިދާނެ އެންމެ ފަސޭހަ އެއް ގޮތަކީ ކާށިތެލުގެ ފަރުވާ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކާށިތެލުގައި ލައުރިކް އެސިޑް ހުރެ އެވެ. މިއީ ދަތްތަކުގައި އުފެދޭ ބެކްޓީރިއާ އުފެދުނަ ނުދިނުމަށް ބޭނުން ކުރެވިދާނެ ފަރުވާ އެކެވެ. އާއްމުކޮށް ދަތްތަކަށް ރީނދޫކުލަ އަރަނީ ބެކްޓީރިއާ ހުރުމުގެ ސަބަބުންނެވެ. ފޮތިކޮޅެއް ކާށިތެލަށް ލާ ތެންމާލުމަށްފަހު ކޮންމެ ދުވަހަކުވެސް ދަތްތަކުގައި ހާކާލާށެވެ. ދެން ރަނގަޅަށް އަނގަ ދޮވެލަން ހަނދާން ކުރައްޗެވެ.
ދޮންކޭލު ތޮއްޓަކީ ވެސް ގޭގައި ހުންނަ އެއްޗެހިން ދަތް ހުދުކޮށްލަން ވިސްނާއިރު ވަރަށް ރަނގަޅު އެއްޗެކެވެ. ދޮންކޭލުގެ ތޮށީގެ އެތެރެ ފުއް 2-3 މިނިޓް ވަންދެން ކޮންމެ ދުވަހަކުވެސް ދަތްތަކުގައި ހާކާށެވެ.