މި އަންނަ އަހަރުން ފެށިގެން ދައުލަތުގެ އޮފީސްތަކުގެ އަހަރީ ޕްރޮކިއުމަންޓް ޕްލޭންތައް އާންމުކުރަން ނިންމައި އެ މައުލޫމާތުތައް ފޮނުވަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައި ބުނީ ދައުލަތުގެ އޮފީސްތަކުގެ އަހަރީ ޕްރޮކިއުމަންޓް ޕްލޭންތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް ފެންނާނެހެން ޝާއިއުކުރަން ބޭނުންވާ ކަމަށެވެ.
ވުމާއެކު ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުން ތައްޔާރުކުރަން ޖެހޭ އަހަރީ ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކޮށް، ބަނޑޭރި ޕޯޓަލްގެ "ޕްރޮކިއުމަންޓް ޕްލޭން" މޮޑިއުލް މެދުވެރިކޮށް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ލޯކަލް ކައުންސިލްތަކުން އެ ކައުންސިލްތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެކަން ފާހަގަކޮށްފަ އެވެ.
ދައުލަތުގެ އޮފީސްތަކުން ޕްރޮކިއުމަންޓް ޕްލޭންތައް ތައްޔާރުކުރުމާއި ފޯރުކޮށްދިނުމުގައި ސާކިއުލާ އާ އެކުގައިވާ "ޕްރޮކިއުމަންޓް ޕްލޭން" މޮޑިއުލް ބޭނުންކުރާނެ ގޮތުގެ އިރުޝާދުތައް ހިމެނޭ "ޔޫސަ ގައިޑްލައިން" އާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން އޮފީސްތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް އާންމުކޮށް ފެންނާނެހެން ޝާއިއުކުރަން ނިންމިއިރު، ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާ ބޮޑެވެ. އެފަދަ ކަންކަމާ ގުޅުވައި މިފަހަކަށް އައިސް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލްއެއީ ތިކަމުގެހާއްޔެށް ހުޝާމް ހުންނަނީ ޕުރޮކިއުމަންޓް ކޮންސަލްޓަންޓް އަދި އެޗްއޯޑީއަކަށްވެސް. އެއްވެސް ޕުރޮޖެއްޓްއެއް ދެތިންބަޔަށް ދީގެންނޫނީ ނިމޭކަމަށްނުވޭ.