ފިލްމީދާއިރާއަށް ރޯހިތު ޝެޓީ ބައި މިލިއަން ރުޕީސް ދީފި
މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަށް ވެސް ވަނީ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައެވެ.
ކޯވިޑް 19 ގެ ސަބަބުން މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރުމާއި ގުޅިގެން އިންޑިއާގެ ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށް މުސާރަ ދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށް މުސާރަ ދިނުމަށްޓަކައި، ބޮލީވުޑްގެ ކާމިޔާބު އަދި މަޝްހޫރު ޑައިރެކްޓަރ ރޯހިތު ޝެޓީ، ފެޑަރޭޝަން އޮފް ވެސްޓާން އިންޑިއާ ސައިން އެމްޕޮލައީސް އަށް ބައި މިލިއަން ރުޕީސް ހަދިޔާކޮށްފިއެވެ.
އިންޑިއާގައި ލޮކްޑައުން އިއުލާން ކުރުމާއި ގުޅިގެން ޓީވީ ސީރީސްތަކާއި ފިލްމުތަކާއި އަދި ފިލްމީ ދާއިރާގެ އެހެނިހެން މަސައްކަތްތައް ވަނީ މަަޑުޖެހިފައެވެ. މީގެ ސަބަބުން، ފިލްމީ ދާއިރާގައި އެކި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މަސައްކަތްތެރިންނަށް ވަނީ ދަތިހާލު ޖެހިފައެވެ. ފެޑަރޭޝަން އޮފް ވެސްޓާން އިންޑިއާ ސައިން އެމްޕޮލައީސް ގެ ޗީފް އެޑްވައިޒަރ އަޝޯކް ޕަންޑިތު ކުރި ޓްވީޓެއްގައި ބުނީ ރޯހިތު އެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެދިން ދީލަތި އެހީއަށް ޝުކުރު އަދާ ކުރާކަމަށެވެ.
ރޯހިތު ޝެޓީގެ އިތުރުން ސަލްމާން ހާން ވެސް ވަނީ، 25000 މަސައްކަތްތެރިންގެ މުސާރަ ދިނުމަށް ނިންމާފައެވެ. ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ވަނީ އިންޑިއާގެ ކޯވިޑް19 ފަންޑަށް ވެސް ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައެވެ. އެގޮތުން ކޯވިޑް 19 ގެ ފަންޑަށް ފައިސާ ހަދިޔާ ކުރި ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ ކަރީނާ ކަޕޫރް އަކްޝޭ ކުމާރު އަދި އަނުޝްކާ ޝަރުމާ ހިމެނެއެވެ.