ބޭހަކާއިނުލާ ކިޑްނީ އާއި ބަނޑުތެރޭގެ ގުނަވަންތަކުގައި އުފެދޭ ހިލަ ބޭރުކުރާނެ ގޮތް !
ބަލިތައް ޖައްސަވާ، އަދި ބަލިތައް ފަސޭހަ ކުރައްވާ ﷲ ތަޢާލާއަށް ޙަމްދު ހުއްޓެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ.
ކިޑްނީގައި ހިލަ އުފެދުމަކީ ޔޫރޮލޮޖީ ނިޒާމަށް ޖެހޭ ބަލިތަކުގެތެރެއިން އެންމެ ރިހުންގަދަ ނުވަތަ ވޭންއަޅާ އެއްކަންތަކެވެ. ސައިންސްވެރިން މިކަން ހޯދާފައިވަނީ 7000 އަހަރުގެ މިސްރުގެ މަމީއެއް ބޭނުން ކޮށްގެންނެވެ.
ޔޫރޮލޮޖީ ނިޒާމު އެކުލެވިގެންވަނީ ކިޑްނީއާއި، ޔުރެޓާރސް، ބްލެޑާރ އަދި ޔުރެތްރާ އިންނެވެ. ކިޑްނީ އަކީ ކުޑަކަމުދިޔުމުގެ ތެރޭގައި، ލޭގައި އުފެދޭ ބޭކާރު ބައިތަކާއި ހަށިގަނޑުގައި އިތުރުވާ ފެން ބޭރުކޮށްދޭ ގުނަވަނެވެ. އަދި ލޮނާއި ލޭގައިވާ އެހެން މާއްދާތައް ވެސް އެއްމިންގަނޑެއްގައި ބެލެންސް ކޮށް ހިފަހައްޓައި ދިނުމަށް އެހީ ވެދެނީ ކިޑްނީއެވެ. ލޭގެ ރަތް ސެލްތަކާއި ހޯމޯންއާއި ވަރުގަދަ ކަށި އުފެއްދުމުގައި ވެސް ކިޑްނީ އަކީ އެހީތެރިއެކެވެ.
އެންމެ ޢާއްމުކޮށް ކިޑްނީގައި އުފެދޭ ހިލައަކީ އިންފެކްޝަންގެ ސަބަބުން އުފެދޭ ހިލައެވެ. އަދި ޔޫރިކް އެސިޑް ހިލައަކީ އެއަށްވުރެ ޢާއްމުނޫން ވައްތަރެވެ. ކްރިސްޓައިން ހިލައަކީ ވަރަށްމަދުން ފެންނަ ބާވަތެއްކަމުގައި ވެއެވެ. ހިލައުފެދެން ދިމާވާ ސަބަބުތަކުގެތެރޭގައި މަދުން ފެންބުއިމާއި ބޭނުންކުރެވޭ ބައެއްކާނާއަކީ ސަބަބެއް ކަމަށް ވެއެވެ.
ކިޑްނީގައި ހިލައުފެދުމުގެ އެންމެ ބޮޑު ޢަލާމާތަކީ ގަދަޔަށް ކިޑްނީގައި ރިއްސުމެވެ. މިރިއްސުން ކިޑްނީއާއި ދިމާއިން ބުރިކަށިންނާއި ބަނޑުން ރިހެއެވެ. މިކަމަށް ފަރުވާކުރުމުގައި ތަފާތު ގޮތްތަކާއި ބޭސްތައް މިހާރު ބޭނުން ކުރެވެއެވެ. އެހެންނަމަވެސް ޑޮކްޓަރީ ބޭހުގައި ސައިޑް އެފެކްޓް ހުންނަކަމީ ޑޮކްޓަރީ ބޭހުގެ އެއް ނުރައްކަލެވެ.
މާތް ﷲ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾
މާނައީ: ” އަދި ތިމަން ރަސްކަލާންގެ ޤުރުއާނުގައި މުއުމިނުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތީ ބާވައިލައްވަމެވެ. އަދި އަނިޔާވެރީންނަށް އެއިން ގެއްލުމާއި ހަލާކުމެނުވީ އިތުރުނުވާހުއްޓެވެ!”.
ބައްޔަކީ ހަށިގަނޑަށް ބަލިޖެހުމަށްފަހު ހަށިގަނޑުގެ މައްޗަށް އަނިޔާވެރިއެއް ކަމުގައި ބެލެވިދާނެއެވެ. އަދި ޤުރުއާނަކީ ފަރުވާއެއްކަމުގައި ވީއިރު އަދި އެއިން އަނިޔާވެރިންނަށް ގެއްލުމާއި ހަލާކު އިތުރުވާނަމަ، ޤުރުއާނުގެ ބޭނުން އެނިޔަތުގައި ކުރުމުން ބަލި ހަލާކުވެ ހަށިގަނޑަށް ޝިފާ ލިބޭނެކަމީ ބެލެވިދާނެ ގޮތެކެވެ. ވީއިރު ޤުރުއާނުގައި ފަރުވާ އޮންނާނީ ހަމައެކަނި ޖިންނި ޝައިޠާނުންނާއި ސިޙުރުގެ ބަލިތަކަކަށް ނޫނެވެ. ނަފްސާނީ، ރޫޙާނީ އަދި ޖިސްމާނީ ބަލިތަކަށްވެސް ޤުރުއާނުގައި ފަރުވާ އޮންނާނެކަން ކަށަވަރެވެ. އެހެންކަމުން މިބައްޔަށް ތަޖުރިބާކުރެވިފައިވާ ޤުރުއާނުގެ ފަރުވާ ބުނެދޭނަމެވެ. މިއީ ޚުދު އަޅުގަނޑުވެސް ތަޖުރިބާ ކޮށްފައިވާ ކަމެކެވެ. ޤުރުއާނުން ފަރުވާކުރުމުން ޑޮކްޓަރީ ބޭހުން ލިބޭ ގެއްލުމެއް ނުލިބޭނެއެވެ. އަދި އޭގެބަދަލުގައި ޘަވާބުވެސް ލިބޭނެކަން ކަށަވަރެވެ.
ފަރުވާ:
އަންނަނިވި ސޫރަތް ފެންބޯ ކޮންމެފަހަރަކު މަދުވެގެން 9 ފަހަރު ކިޔަވައިގެން ބޯށެވެ. އެއަށްވުރެ ގިނައިން ކިޔެވުމަކީ މައްސަލައެއް ނޫނެވެ. އަދި ގިނައިން ކިޔެވި ވަރަކަށް އަސަރުގަދަވެ ފައިދާ ބޮޑުވާނެއެވެ. ނުވަތަ ބޮޑު ފެންފުޅިއަކަށް ގާތްގަނޑަކަށް 40 ފަހަރު ކިޔަވާފައި ބަހައްޓައިގެން އެއިން ގިނައިން ފެން ބޯށެވެ. އެއިރުން ﷲ އިރާދަކުރެއްވިއްޔާ ކިޑްނީއާއި އެހެންވެސް ޔޫރޮލޮޖީ ނިޒާމުގެ ގުނަވަންތަކުގައިވާ ހިލަ ވިރިގެން ދެއެވެ. ނުވަތަ ފުނޑުވެގެން ކުޑަކަމުދާއިރު ބޭރުވެއެވެ. މިއީ މިކަން ތަޖުރިބާވެފައިވާ ގޮތެވެ.
سورة الشرح
أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾
މާނައީ: “ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ހިތްޕުޅު ކަލޭގެފާނަށްޓަކައި ތަނަވަސްކޮށް ނުދެއްވަންތޯއެވެ؟ (1) އަދި ކަލޭގެފާނު އުފުއްލަވާ ބުރަ، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ލުއިކުރެއްވީމެވެ. (2) އެއީ ކަލޭގެފާނުގެ ބުރިކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. (3) އަދި ކަލޭގެފާނަށްޓަކައި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ.(4) ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (5) ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. (6) ފަހެ، ކަލޭގެފާނު( دين އަށް ގޮވައިލެއްވުމުގެ މަސައްކަތުން )އަވަދިވެވަޑައިގަންނަވާހިނދު، ފަހެ، ކަލޭގެފާނު( އަޅުކަން ކުރެއްވުމުގައި )ވަރުބަލިވެ ވަޑައިގަންނަވާށެވެ! (7) އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ! (8)”
ﷲ އިރާދަކުރެއްވިއްޔާ މިކަން ކޮށްގެން އެއްވެސް ބޭހެއް ބޭނުން ނުކޮށް ކިޑްނީގައި އުފެދޭ ހިލަ ބޭރުވާކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. އިރާދަކުރެއްވިއްޔާ މިލިޔުން ވިދާޅުވާ ފަރާތްތަކަށްވެސް ހަމަ މިތަޖުރިބާ ކުރެވޭނެއެވެ. އަޅުގަނޑުގެ ދުޢާއަކީ އެއީއެވެ. ހުރިހާކަމެއްވެސް ވަނީ ﷲގެ އަމުރުފުޅަށްކަން ކަށަވަރެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَل لِّلَّهِ الْأَمْرُ جَمِيعًا ۗ (سورة الرعد 31) މާނައީ: ” قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށް ލެވޭނެ ނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުން ވަނީ، اللَّه އަށެވެ.” މިފަދަ އާޔަތްތަކާއިމެދު ފުންކޮށް ވިސްނާ މީހުންނަށް ފައިދާ ތަކެއްވާ ކަން ކަށަވަރެވެ.
މަސްދަރު: މައިތިރި.ކޮމް