ޕާޓީތަކަށް މީހުން ވެއްދޭ ގޮތް ބަދަލު ކުރަނީ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުރިން އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ "ދެން" އަށް ވިދާޅުވީ ވަގު ފޯމު ހުށަހެޅުމުގެ މައްސަލަ އެއްކޮށް ހުއްޓުވޭނީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މެމްބަރުން ވެއްދޭ ގޮތް ހަދައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަށް ޓަކައި ގަވާއިދަށް ބަދަލު ގެނައުމާ އެކު، އެ ކޮމިޝަނުގެ ސިސްޓަމްތަކަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
"މިހާރު މި މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރިން އެކަން ވޭތޯ. ދެން ޕާޓީތަކާ ވެސް އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރާނަން،" ހަސަން ވިދާޅުވި އެވެ.
އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ އަބަދުވެސް ބޮޑެވެ.
މި ފަހުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ އެ ޕާޓީގެ މެމްބަރުން ވެރިކަން ކުރާ ޕީއެންސީއަށްް ވަގަށް ވައްދަމުންދާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އިލެކްޝަނުން ބަލަން ގޮވާލާފަ އެވެ.