ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ ފަތުރުވެރިންތަކެއް ސަލާމަތްކޮށްފި

ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ޗައިނާގެ ފަތުުރުވެރިންތައް ސަލާމަތްކޮށްފި އެވެ.
މިރޭ މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ ވ. ފުލިދޫ ބޯމަސް ކަނޑު ޑައިވް ސައިޓްއަށް މިއަދު ފީނަން ދިޔަ ޗައިނާގެ 7 މީހަކު ގެއްލިފައިވާ މައްސަލަ މިރޭ ހަ ގަޑި ބައިކަންހާ އިރު ރިޕޯޓްކުރި ކަމަށެވެ.
އަދި އެ މީހުން ހޯދުމަށްޓަކައި އެ ސަރަހައްދުގައި އެ ވަގުތު ހަރަކާތްތެރިވި ފުލިދޫ ލޯންޗަކުން ކަނޑުމަތިން ފެނިގެން ސަލާމަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އެންމެންްގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް "ދެން" އަށް ވިދާޅުވީ އެ 7 މީހުންނަކީ އެ ރަށް ދިޔަ ފަތުރުވެރިންތަކެއް ކަމަށެވެ. އަދި ފީނަން ދިޔައީ މިއަދު މެންދުރު 03:30 ކަންހާ އިރު ކަމަށެވެ.
އަދި އެ މީހުން މިހާރު ރަށު ތެރޭގައި އުޅެމުންދާ ކަމަށާއި ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ރާއްޖޭގައި އެންމެ އާންމުކޮށް މަރުވެފައިވަނީ ޗައިނާގެ ފަތުރުވެރިންކަން ފާހަގަކޮށްލެވެ އެވެ.