ރިޕޯޓް

ޑރ. ޝަހީމްގެ ޤުރުއާން ޗެލެންޖަށް ކުދިބޮޑު އެންމެންގެ ތަރުހީބު

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް މިވަނީ ކޮވިޑް 19ގެ ބަލިމަޑުކަން ފެތުރިފައެވެ. އެތަކެއް ގައުމެއް ވަނީ ފުރަބަންދުކޮށްފައެވެ. އެތައް ގައުމެއްގެ އިގްތިސާދު ވަނީ ހީނަރުވެފައެވެ. ކޮންމެ ގައުމަކުންވެސް އަންނަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިވަނީ މިބަލިން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. ބޯޑަރުތައް ބަންދުކޮށް، ރާއްޖެއަށް އެތެރެވާ އެންމެން ކަރަންޓީން އެބަކުރެވެއެވެ. ސަރުކާރު އޮފިސްތަކާއި، މަދަރުސާތަކާއި، ކޮލެޖު/ޔުނިވާސިޓީތައް ބަންދުކޮށްފިއެވެ. ސިނަމާތަކާއި ކުޅިވަރު ސްޓޭޑިއަމްތަކާއި ޕާކުތައްވެސް ބަންދުކޮށްފިއެވެ. ހޮޓާ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުން މަނާކުރެވިއްޖެއެވެ. މި ހުރިހާ ކަމެއް ކުރުމުގެ މައިގަނޑު ބޭނުމަކީ އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމެވެ. ވީހާވެސް ގިނައިން މީހުން އެއްވެ އުޅުން މަދުކޮށް، ގެތަކުން ނުނިކުމެ ތިބުމަށް ބާރު އެޅުމެވެ.

ސަރުކާރާއި ސިއްހީ މާހިރުންގެ ރައްޔިތުން ގޭގައި ތިބުމަށް ކުރި އިލްތިމާސަށް އެތައް ބަޔަކު ކަމޭހިތިއެވެ. މަގުތަކުން މީހުން މަދުވާތަން ފެނިގެން ދިޔައެވެ. އަދި ގޭގައި އަމިއްލައަށް އެކަހެރިވެގެން ތިބޭ މީހުން އިތުރުވިއެވެ. މިގޮތަށް ގޭގައި ތިބޭއިރު ތަފާތު އެކިއެކި ޗެލެންޖުތައް ދަނީ މީސް މީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރާއްޖޭގެ މަތީ ފަޑީގައި ތިބި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ހިމެނޭހެން އެތައް ބައެއް ވަނީ މީސް މީޑިއާގައި ފަށާފައިވާ ޓޮއިލެޓް ޕޭޕާ ޗެލެންޖުގައި ބައިވެރިވެފައެވެ.

ޓޮއިލެޓް ޕޭޕާ ޗެލެންޖުގެ އިތުރުންވެސް އެތައް ޗެލެންޖެއް ފޭސްބުކާއި މީސްމީޑިޔާގެ އެހެނިހެން މަންސަތަކުގައި އާންމުވިއެވެ. އެގޮތުން މި ފަހުން ގިނަ ދިވެހިންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ކީރިތި ގުރުއާން ހަތިމް ކުރެއްވުމަށްރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވި "ގުރުއާން ކިޔެވުމުގެ ޗެލެންޖް"އެވެ.

ޑރ. ޝަހީމްގެ މި ޗެލެންޖުގެ މަގުސަދަކީ ވީހާވެސް ގިނަ ބަޔަކު މިދުވަސްވަރު ހަތިމް ކުރުމަށް ބާރު އެޅުމެވެ. ޑރ. ޝަހީމްގެ އިސްނެގުމާއެކު އެތައް ބަޔަކު އަންނަނީ ޤުރުއާންގެ މިންވަރެއް ކިޔެވުމަށް ފަހު މީސްމިޑިޔާގައި ހިއްސާކުރަމުންނެވެ. މާޝާ ﷲ، ހިތްގައިމު އެތައް އަޑެއް، އެތައް ރާގެއް، އަޑުއިވުނުއިރު ގެއްލިފައިތިބި އެތައް ތަރިއެއް މިވަނީ ޑރ. ޝަހީމްގެ މި ޗެލެންޖުގެ ސަބަބުން ފެނިފައެވެ. ރާއްޖޭގެ ކުދި ބޮޑު ގިނަ ބަޔަކު މި ޗެލެންޖުގައި ބައިވެރިވެފައިވާއިރު، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްވެސް ވަނީ ޑރ. ޝަހީމްގެ މި ޗެލެންޖުގައި ބައިވެރިވެފައެވެ.

ޑރ. ޝަހީމްގެ ގުރުއާން ކިޔެވުމުގެ ޗެލެންޖު މިމަހުގެ17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު އެ ބޭފުޅާގެ އެދިލެއްވުމަކީ ޤުރުއާނުގެ މޫރިތި އާޔަތްތަކުން މުޅި މީސްމީޑިޔާ ފުރާލުމެވެ. އެއީ ގުރުއާނަކީ ނޫރެއްކަމަށްވާތީއެވެ. އަދި އެއީ ބަލިތަކަށްވާ ޝިފާއެއް ކަމަށް ވުމުންނެވެ. ޑރ. ޝަހީމްގެ އެދިލެއްވުމަކީ މި ޗެލެންޖުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެން މި ނުރައްކާތެރި ކޮވިޑް 19ގެ ބަލިމަޑުކަމުން ރައްކާތެރިކުރައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!