ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އެސްޓޯނިއާއަށް ވަޑައިގަންނަވަނީ

ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެސްޓޯނިއާގެ ރައީސް އަލަރު ކާރިސްގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެސްޓޯނިއާ އަށް ވަޑައިގަންނަވާނީ މި މަހުގެ 13 އިން ފެށިގެން 16 ގެ ނިޔަލަށް ކަމަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ޑިޖިޓަލް، ސައިބާ އަދި އީ-ގަވާނަންސްގެ ދާއިރާތަކުންނާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކުގައާއި، ސައިންސާއި ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދެވިދާނެ ދާއިރާތަކާބެހޭ ގޮތުން މަޝްވަރާ ކުރުން އެޖެންޑާގައި ހިމެނޭ ކަމަށެވެ.
އެސްޓޯނިއާގެ ޕާލަމެންޓް 'ރީގިކޮގު' ގެ ރައީސް ލޯރީ ހުއްސަރާއާއި، އެ ގައުމުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ދަތުރުފުޅުގައި އެސްޓޯނިއާގެ ޓާޓޫ ސިޓީއަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އެތަނުގައި ޓާޓޫގެ މޭޔަރު އުރްމަސް ކްލާސް ރައީސްއަށް މަރުހަބާ ދަންނަވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.