ޚަބަރު

މި އަހަރު 4 އެއާޕޯޓެއް ހުޅުވާނެ: މިނިސްޓަރު ނަހުލާ

މިހާރު ތަރައްގީ ކުރަމުންދާ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން ހަތަރު އެއާޕޯޓެއް މި އަހަރު ހުޅުވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކަމަށެވެ.

މިހާރު ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ ތެރެއިން ށ. ފުނަދޫ އެއާޕޯޓު މިމަހު ތެރޭ ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގދ މާވާރުލުގައި ތަރައްގީ ކުރާ އެއާޕޯޓު މާޗު މަހު ހުޅުވޭނެ ކަމަށާއި ޅ. މަޑިވަރު އެއާޕޯޓު އޭޕްރީލް މަހު ހުޅުވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ހއ. ހޯރަފުށި އެއާޕޯޓު މި އަހަރުގެ އޮގަސްޓު މަހު ހުޅުވޭނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހދ. ކުޅުދުއްފުށީ އެއާޕޯޓު 2019 ވަނަ އަހަރު ހުޅުވާ ހިދުމަތް ދޭން ފެށި ނަމަވެސް އެ އެއާޕޯޓަށް ބަދަލުތައް ގެނެސް އެއާޕޯޓު އަޕްގުރޭޑު ކުރަން ޖެހޭ ކަމަށެވެ.

"ހުޅުވާފައި އޮތަސް އަޅުގަނޑުމެން ބޭނުންވާ ފެންވަރެއްގައެއް ނޫން އެއާޕޯޓު ހިންގަމުން ދަނީ. ރައްޔިތުންނަށް ހިދުމަތް ދެމުން ދަނީ. އެހެންވީމާ މި އަހަރު ތެރޭ އެކަންތައް ރަނގަޅުވެގެން ދާނެ ކަމަށް ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ގދ ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތަށް ބަދަލެއް އައި ނަމަވެސް ކަނޑައަޅާފައިވާ މުއްދަތަށް އެ އެއާޕޯޓުގެ މަސައްކަތްވެސް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!