ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް އަތުލައިގަތް މީހާގެ ވަނަވަރު އާންމުކޮށްފި

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅެނިކޮށް އަތުލައިގަތް މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
އެ ކުންފުނީގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގެންފައިވާކަން ހާމަކޮށްފައި ވަނީ ރޭ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ މީހާ އަތުލައިގަތީ ސްޓެލްކޯގެ މުވައްޒަފުން ކަމަށާއި އަތުލައިގަތް ވަގުތު އެ ތަނަށް އެޓެންޑުވި ސްޓެލްކޯގެ މުވައްޒަފެއްގެ ގައިގައި އެ މީހާ ވަނީ ރެންޗުން ޖަހައި މާރާމާރީ ހިންގާފައި ކަމަށް ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިނުމާ ގުޅިގެން ހުޅުމާލެ ފޭސް ދޭއްގެ އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.
ފަހުމީ ވިދާޅުވެފައި ވަނީ ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ ހުޅުމާލެ ފޭސް ދޭއްގެ ރީތިގަސްމަގު ބްރިޖް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު މީހެއް ކަމަށެވެ.
ސްޓެލްކޯގެ މުވައްޒަފުން އޭނާ ހުއްޓުވަން އުޅުމުން، މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މައްސަލަ އާ ގުޅިގެން ހައްޔަރުކުރީ ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޛާލިފް (37އ) އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ 9:43 ހާއިރު ކަމުގަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ޓްރާންސްފޯމަރުތަކަށް ގެއްލުންދީ، ވައްކަން ކުރުން އާންމު ކަމަށް ވަނީ ވެފަ އެވެ. ހޮނިހިރު ދުވަހު ފޭސް ދޭއްގައި ހުންނަ ހައި ވޯލްޓޭޖް ދެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެ ބައިތަކެއް ވަގަށް ނެގި އެވެ. ހުސްވި އަހަރު ޓްރާންސްފޯމަރަށް ގެއްލުން ދޭން އުޅެނިކޮށް ކަރަންޓުގައި ޖެހި މީހަކު މަރު ވެސް ވި އެވެ.