އިންޑިއާގެ ގައުމީ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި

އިންޑިއާގެ ގައުމީ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
އިންޑިއާގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. އެއީ އިންޑިއާގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ތާާރީހާ ގުޅިގެން ނެވެ.
އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ހުޅުމާލޭގޭ ސެންޓްރަލް ޕާކުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި އިރު ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވެސް ހިމެނެ އެވެ.
ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. މިނިވަން މުވައްސަސާތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
ކުރީގެ ސަރުކާރުގެ ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ކުރީގެ ދެ ފޮރިން މިނިސްޓަރުން ކަމަށްވާ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ދުންޔާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ބައިވެރިވި މެހެމާނުންނަށް ހާއްސަކޮށް ފަރިއްކޮޅުވުމެއް އެ ތަނުގައި އޮތެވެ.

އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
އިންޑިއާގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ސަގާފީ ނެށުންތައް ހިމެނޭހެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
އޭގެ އިތުރުން އިންޑިއާގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އިއްޔެ ހަވީރު ގައުމީ ޔުނިވާސިޓީއާ ގުޅިގެން ފުޑް ފެސްޓިވަލްއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
