ޚަބަރު

އަލްހާން ރައީސް ނަޝީދަށް: މިއަދަކީ މަނިކުފާނުގެ ޔަހޫދީ ކަމާއި މުނާފިގުކަން ހާމަވެގެންދާ ދުވަހެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއް ދުވަސް ކަމުގައި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން، މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެމަނިކުފާނަށް ރައްދެއް ދެއްވައިފިއެވެ.

Ads by STELCO

ރައީސް ނަޝީދަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އަލްހާން، ނަޝީދު މިއަދު ކުރެއްވި ޓްވީޓު ރީޓުވީޓް ކުރައްވަމުން ވިދާޅުވީ މިއަދަކީ ރައީސް ނަޝީދުގެ ޔަހޫދީ ކަމާއި މުނާފިގުކަން ހާމަ ވެގެންދާ ދުވަހެއް ކަމުގައެވެ.

"މިއަދަކީ މަނިކުފާނުގެ ޔަހޫދީ ކަމާ މުނާފިގުކަން ހާމަވެގެންދާ ދުވަހެއް! ރައީސް މައުމޫނުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން މިއަދަކު ނެތް ބީރުބޮލުވަޒީރު ކަން ލިބޭކަށް ވެސް! ކޮންހާ ބޭކާރު ފިތުނަ ފަސާދައެއްތޯ؟ ނަގޫ ގޮށްޖެހި ގުޅިގެން ސަރުކާރު ހިންގަން ތިބެ ކާކަށްތޯ ތިޔަ އޮޅުވާ ލައްވަނީ؟" އަލްހާން ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވީ އެއް ދުވަސް ކަމުގައި ވިދާޅުވެފައެވެ. އަދި މިއަދަކީ ޖަލުގައި އީވާން ނަސީމް ގައިގާ ތަޅާ މަރާލި ދުވަސް ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

ޖަލުގައި އީވާން ނަސީމު މަރާލާފައިވަނީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ނަމަވެސް އީވާން ނަސީމާއި ބެހޭގޮތުންނާއި އެދުވަހުގެ އެހާދިސާ އާއި ބެހޭގޮތުން ތަފާތު އެކި އަޑުތައް އަރާފައިވެއެވެ.

އީވާން ނަސީމު މަރާލި ދުވަހު މާލެތެރެ ވަރަށް ބޮޑަށް ހަލަބޮލިވެ، ހަމަނުޖެހުން ބޮޑުވިއެވެ. އެގޮތުން އެދުވަހު ގިނަ އަދަދެއްގެ ފުލުހުންގެ ބޮލުގައި އެޅިގަލުން ތަޅާ، ބޯ ފަޅާލި މަންޒަރާއި ފުލުހުންގެ ޖިޕުގައި އަލިފާން ރޯކޮށްލި މަންޒަރު ވެސް ފެނިގެން ދިޔައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!