ޚަބަރު

ޗައިނާގެ ސެމިނާއެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ މީޑިއާތަކަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖޭގެ ނޫސްވެރިންނާ ޗައިނާގެ ކުރީގެ އެމްބަސެޑަރު ބައްދަލުކުރެއްވުން--

ޗައިނާ ސަރުކާރުން އިންތިޒާމްކޮށްގެން އެ ގައުމުގައި ބާއްވާ ނޫސްވެރިކަމާ ގުޅޭ ސެމިނާއެއްގައި ބައިވެރިވުމުގެ ފުރުސަތު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) މެދުވެރިކޮށް ރާއްޖޭގެ މީޑިއާތަކަށް މިއަދު ހުޅުވާލައިފި އެވެ.

Ads by STELCO

"ސެމިނާ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯގަނައިޒޭޝަން ފޯ ބީއާރުއައި ޕާޓްނާ ކަންްޓްރީސް"ގެ ނަމުގައި ބާއްވާ އެ ސެމިނާ ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 20 އިން އޭޕްރީލް 2 އާ ހަމައަށެވެ.

އެމްއެމްސީން މިއަދު މީޑިއާތަކަށް ފޮނުވި ސިޓީގައި ބުނީ އެ ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު އޮންލައިން ނޫސްތަކަށާއި ބްރޯޑްކާސްޓިން މީޑިއާތަކަށް ވެސް ދޭނެ ކަމަށެވެ.

އެގޮތުން ކޮންމެ އޮންލައިން މީޑިއާއަކުން އެއް ބޭފުޅަކަށާއި ބްރޯޑްކާސްޓިން މީޑިއާތަކުން ވެސް އެއް ބޭފުޅަކަށް ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އެމްއެމްސީން ބުނީ ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އެޕްލިކޭޝަން ހުށަހަޅާ ތަރުތީބުން ކަމަށެވެ.

އެ ސެމިނާގައި ބައިވެރިވާން ބޭނުންވާ މީޑިއާތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މީގެ ކުރިން ވެސް އެކި ދަތުރުތަކުގައި ރާއްޖޭގެ ނޫސްވެރިން ޗައިނާއަށް ގެންގޮސްފައިވެ އެވެ.