ކޯރާޑިއަކުން ހަމަލާދިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
![](https://dhen.mv/wp-content/uploads/2025/02/PHOTO-2025-02-10-10-26-14-850x548.jpg)
ހުޅުމާލެ، ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑު ކައިރީގައި ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން ދަނިކޮށް ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މާރާމާރީ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ:
- ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހިމް (25އ)
- ބ. ގޮއިދޫ، ސައިފްﷲ ފައިސަލް (19އ)
އޭގެ ތެރެއިން ރުސްތުމް ތިން ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، މައްސަލަ ނިމެންދެން ސައިފްﷲ ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ކުރިން ބުނީ އެ މީހުން ހަމަލާ ދިނީ ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ކަމަށެވެ. އެ މީހާއަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދީފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކުރީ މި ހިނގާ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 11:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
"މި މާރާމާރީގައި ހަމަލާދީފައި ވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" މެސެޖުގައިވެ އެވެ.
އެ އިދާރާއިން ބުނި ގޮތުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގަ އެވެ.
"އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރު ފެނިފައިވޭ. އަދި ވަޅިއެއް ވެސް ވަނީ ފެނިފައި،" މެސެޖުގައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.