ފަނޑިޔާރުން މަސައްކަތްކޮށްފި، ހުރި ދަތިތަކަށް އަވަސް ނިޒާމީ ހައްލެއް ބޭނުން: އުއްތަމަ ފަނޑިޔާރު
![](https://dhen.mv/wp-content/uploads/2025/02/GjhTLota4AAi7uY-850x548.jpeg)
ޖުޑިޝަރީގެ ހިދުމަތް ހަލުވި ދުވެއްޔެއްގައި ފޯރުކޮށްދިނުމުގައި އެތައް އުނދަގުލަކާއި ދައްޗެއް އޮތް ނަމަވެސް ފަނޑިޔާރުން މަސައްކަތުގައި ފުރިހަމައަށް ދެމިތިއްބެވި ކަމަށާއި ހުރި ދަތިތަކަށް އަވަސް ނިޒާމީ ހައްލެއް ބޭނުންވާ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.
ޖުޑިޝަލް އަހަރު ނުވަތަ ގަޟާއީ އަހަރު އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ލިބިފައިވާ މަދު ވަސީލަތްތަކަށް ބަލާފައި ފަނޑިޔާރުންނާއި ޖުޑިޝަރީގެ އެންމެހާ މުވައްޒަފުންގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ފަހަރަކު ކޯޓެއްގެ މަސައްކަތް ފާހަގަ ކުރައްވައި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކުރައްވާފަ އެވެ.
ފުރަތަމަ މަތީ މަރުހަލާގެ ފަނޑިޔާރުންގެ މަސައްކަތަށް ތައުރީފު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ކޯޓުތަކުގެ ފަނޑިޔާރުން ގެންދެވީ ހުށަހެޅޭ މައްސަލަތައް އިންސާފު ކުރުމުގެ މަސައްކަތް އެކަނި ކުރުމަށް ވުރެ ބޮޑު ގާނޫނީ ހިދުމަތުގެ މަސައްކަތެއް ކަމަށެވެ.
"މައްސަލަތައް ހައްލުކުރުމުގެ އިތުރަށް ގާނޫނުގައި ސާފުނުވާ ކަންކަން ސާފުކޮށް އިތުރަށް ތަފްސީލްކޮށް ބަޔާން ކުރަމުން ދިޔުމުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި ވަކީލުންނާއި އާންމު ރައްޔިތުންނަށް ވެސް ގާނޫނު ފަހުމު ކުރުމުގައި މިހާރު ބޮޑެތި ލުއިތަކެއް ލިބެމުންދޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ ފަހުގައި ފެމިލީ ކޯޓުގެ ފަނޑިޔާރުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން، ސިވިލް ކޯޓުގެ ފަނޑިޔާރުން، ޑްރަގް ކޯޓުގެ ފަނޑިޔާރުން، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން އަދި މުވައްޒަފުންގެ މަސައްކަތް ވެސް ވަކިވަކިން ފާހަގަ ކުރައްވައި ޝުކުރު ދެންނެވި އެވެ؛
- ޑްރަގް ކޯޓުން ހުކުމްކޮށްގެން މިދިޔަ އަހަރު 596 މީހަކު ރިހެބިލިޓޭޝަން ޕްރޮގްރާމުގައި ބައިވެރިކޮށް ރިހެބިލިޓޭޓްކުރުމަށް ފަހު އަނބުރާ މުޖުތަމައަށް ނެރެފައިވޭ
- ހަޟާނާތު ނުލިބިގެން ދަތިހާލުގައިވާ މީހުންނާއި، އާއިލާތަކުގެ އިހުމާލުން ނިކަމެތިވެފައިވާ މީހުންނަށް އާއިލާގެ އަދުލު ފެމިލީ ކޯޓުން ފޯރުކޮށްދެމުންދިޔައީ ވަރަށް ހިތްވަރު ހުރެގެން
- މަދަނީ އަދި ޖިނާއީ ކޯޓުން ވެސް ހުރިހާ ހަސްމުން ވާހަކަތައް އަޑުއަހައިގެން ފައިސަލާކުރަނިވި ނިންމުންތައް ނިންމަމުން ދަނީ ހުއްޓުމެއް ނެތި އެތައް މައްސަލައަކަށް
- ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓާއި ޖުވެނައިލް ކޯޓުން، ކުޑަކުދިންގެ އަދުލުގެ އާ ނިޒާމު ތަންފީޒުކޮށް އެތައް ކުއްޖަކު ދަނީ އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރެމުން
ފަނޑިޔާރުންގެ މަސައްކަތްތައް ވަރުގަދަ ކުރުމުގެ އިތުރަށް އޮންލައިންކޮށް ޝަރީއަތްތައް ބާއްވަން ފެށުމުން "ކޮންމެ ވެސް ވަރަކަށް ޝަރުއީ ދާއިރާގެ ދުވެލި އިތުރުވެގެން ދިޔަ" ކަމަށް ވިދާޅުވި އެވެ. ނަމަވެސް ދިމާވެފައި ހުރި މައްސަލަތަކަށް އަވަސް ނިޒާމީ ހައްލެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޝަރުއީ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލުތައް އަމަލީ ސިފައެއްގައި ލިބިގެން ދިޔުން އެއީ އަޅުގަނޑުމެން އުންމީދުކުރާ ކަމެއް. އަވަސް ނިޒާމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވިދާޅުވި އެވެ.
"އަލަށް ތައާރަފް ކުރަން ޖެހޭ ފަލްސަފާތަކާއި ބެސްޓް ޕްރެކްޓިސްތައް ގެންނަން ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ. ޖާގައިގެ ދަތި ކަމަށް ކޮންމެ ވެސް ހައްލެއް މި އަހަރުގެ ތެރޭގައި ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.