ޚަބަރު

މިއަދު ކޮރަޕްޝަން ހިންގަނީ ބަދަލު ދިނުމުގެ ނަމުގައި: މުހައްމަދު އިސްމާއީލް

ދެން އެމްވީ ، ދެން އޮންލައިން

ކޮރަޕްޝަން ހުއްޓުވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮރަޕްޝަން ހިންގަނީ ބަދަލުދިނުމުގެ ނަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން އެކި ކުންފުނިތަކަށް ބަދަލުދީފައި ވަނީ އެމްޑީޕީގެ ބޮޑުންނަށް ބައި އަޅައިގެންނެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލެއްގެ ގޮތުގައި 845 މިލިއަން ރުފިޔާ ދިން ދިނުމަށް އިޝާރާތް ކުރައްވައި މުހައްމަދު އިސްމާއީލް ވިދާޅުވީ އެފައިސާ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބައިއެޅޭގޮތަށް ކަމަށެވެ.

"މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބައި އެޅޭގޮތަށް ނޫމަޑި މީހުންނަށް ވެސް 8000 މިލިއަން ރުފިޔާ ދެވިގެން އެ ދިޔައީ. ހަގީގަތުގައި ނޫމަޑިއަކީ ނަޝީދުގެ ވަރަށް ގާތް ބައެއްގެ ކުންފުންޏެއް،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ނޫމަޑިއަށް ބަދަލުގެ ގޮތިގައި ފައިސާ ދިން މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ އާބިޓްރޭޝަން މަރުހަލާގައި މަސައްކަތް ކުރެއްވި ގާނޫނީ ވަކީލުން ލަފާދެއްވީ އެ މައްސަލާގައި ދައުލަތުގެ ކޮޅު ވަރަށް ދެރަ ކަމަށެވެ. އެހެންކަމުން އެކަން ކުރީ ދައުލަތް ބަނގުރޫޓުވުމުން ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ އެމަނިކުފާނު ހިންގި ވަރުގެ ތަރައްގީގެ ބޮޑު މަޝްރޫއުތައް މި ސަރުކާރަށް ނުހިންގޭނެ ކަމަށެވެ.

ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ބެލިޔަސް އެމަނިކުފާނު ގެންނަވާފައިވާ މުހިންމު ބަދަލުތައް ފެންނާން އެބަހުރި ކަމަށް ވެސް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

"ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ ތައުލީމީ ޒުވާނުންތަކެއް އެ ގައުމެއްގައި އުފެދިގެންކަން އެމަނިކުފާނަށް އެނގުނު ހިނދު، އެމަނިކުފާނު މަސައްކަތް ކުރެއްވީ ހުރިހާ އުމުރުފުރާއަކަށް ތައުލީމީ ނިޒާމް ހަރުދަނާކޮށް ރަނގަޅު ޖީލެއް ބިނާކުރުމަށް،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!