ދީން

މުސްލިމުންނަށް ހިތާމަވެރި ޚަބަރެއް! މިއަހަރު ޙައްޖުގެ އަޅުކަން ވެސް ކެންސަލް ވެދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ޙައްޖުގެ މަތިވެރި އަަޅުކަން މިއަހަރު ކެންސަލް ވެދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެ ވެ.

އެގޮތުން ބައެއް ރިޕޯޓުތަކުން ބުނެފައިވަނީ ފެތުރެމުން އަންނަ ކޯވިޑް-19 ގެ ސަބަބުން، މިއަހަރުގެ ޙައްޖުގެ އަޅުކަން ނުބާއްވާ ، ކެންސަލް ކޮށްލުމާއިމެދު ސައުދީ ސަރުކާރުން ،ދީނީ ޢިލްމުވެރިންނާއި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިއީ ޤަރުނުތަކެއް ފަހުން ޙައްޖުގެ މަތިވެރި އަޅުކަން ކެންސަލްވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޙައްޖުގެ އަޅުކަން ސައުދީ އަރަބިއާއިން ކެންސަލް ކޮށްފައިވަނީ 1798 ވަނަ އަހަރުއެވެ. އެއީ މީގެ 200 ވަރަކަށް އަހަރު ކުރިންނެވެ.

މިހާރު މުޅި ދުނިޔެއަށް ވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ އަސަރު މައްކާ އަދި މަދީނާއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެހެންކަމުން ސައުދީ އަރަބިއާއިން މިހާރުވަނީ އެޤައުމުގެ ބޯޑަރުތައް ވެސް ބަންދުކޮށް، އެއްވެ އުޅުން ނުވަތަ ބޮޑެތި ޖަމާޢަތްތައް ބޭއްވުން އެންމެންނަށް ވެސް މަނާ ކޮށްފައެވެ.

އަދި ޖުލައި މަހުގެ ފަހުކޮޅު އޮންނަ ޙައްޖުގެ އަޅުކަން އަދާކުރުމުގެ ތައްޔާރީތައް މަޑުޖައްސާލަން ވެސް ސައުދީ ސަރުކާރުން ވަނީ އަންގާފައެވެ.

ޙައްޖާއި ޢުމްރާގެ މިނިސްޓަރ ، މުޙައްމަދު ސާލިޙް ބިން ޠާހިރް ބަންތޭން މިދިޔަ އަންގާރަ ދުވަހު މިކަން ރަސްމީކޮށް އަންގަމުން ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ހާލަތު ރަނގަޅު ވަންދެން ނުވަތަ މިކަމާއިމެދު ވަކި ގޮތެއް ހަމަޖެހެންދެން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަން ދިޔުމުގެ ތައްޔާރީތައް މަޑުޖައްސާލުމަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ކެންސަލް ވެދާނެ ކަމުގެ ހިތާމަވެރި ޚަބަރު މިހާރު އަންގާފައިވާއިރު، ސައުދީ ސަރުކާރުން ވަނީ ޢުމްރާވުމަށް މީހުން އެޤައުމަށް ދިޔުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މިއީ ވެސް ކޯވިޑް-19 ގެ ސަބަބުން، މިދިޔަ މަހުގެ ކުރީކޮޅު ނިންމި ނިންމުމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!