ދީން

މިއަހަރުގެ ޢަރަފާތު ދުވަހަކީ ހުކުރު ދުވަހެއްކަމަށް ވާތީ އެދުވަހުގައި ރޯދަ ހިފިދާނެތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

Ads by MWSC

ހަމައެކަނި ހުކުރު ދުވަހު ރޯދަ ހިފުން މަނާ ކުރެއްވިގެން ވަނީ ކަނޑައެޅިގެން ހުކުރު ދުވަހު ރޯދަ ހިފާ މީހާ އަށެވެ. ނަމަވެސް، ޢަރަފާތް ދުވަސް ހުކުރު ދުވަހަކާ ދިމާވެއްޖެ ނަމަ، އެދުވަހު އެކަނި ރޯދަ ހިފުމަކީ ހުއްދަ ކަމެކެވެ. މައްސަލައެއް އޮތް ކަމެއް ނޫނެވެ. އޭގެ ކުރިން ދުވަހެއް ރޯދަ ހިފުން ލާޒިމް ވެގެންނެއް ނުވެއެވެ.

އިބްނު ގުދާމާ ރަޙިމަހުﷲ "އަލްމުޣްނީ"ގައި ވިދާޅުވެފައިވެއެވެ. "ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކު، ރޯދަ އަށް ނުހުންނަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށްވެފައި، ރޯދައަށް ހުންނަ ދުވަހަކީ ހުކުރު ދުވަސް ކަމަށް ވެފައި، ރޯދައަށް ނުހުންނަ ދުވަހަކީ ހޮނިހިރު ދުވަސް ކަމަށް ވެއްޖެނަމަ، ހުކުރު ދުވަހު އެކަނި ރޯދަ ހިފުން ކަމުގައިވާނެތޯ ނުވަތަ ނޫންތޯ ތިމަން ކަލޭގެފާނުގެ އުސްތާޛަކާ ސުވާލު ކުރީމެވެ." ޖަވާބުގައި އެބޭފުޅަކު ވިދާޅުވިއެވެ. "އެމީހަކީ ހުކުރު ދުވަސް ޚާއްޞަ ކޮށްގެން ރޯދަ ހިފާ މީހެއް ނޫނެވެ. މަނާވެގެން ވަނީ ހުކުރު ދުވަސް ވަކިން ޚާއްޞަ ކޮށްގެން ރޯދަ ހިފުމެވެ."

މިކަމުގައި މޮޅުއިތުރުވެގެންވާ ގޮތަކީ ޙައްޖުމަހު ނުވަ ދުވަހު އެއްކޮށް ރޯދަ ހިފުމެވެ. އެހެނީ، ކިޔަމަންތެރިކަން އަދާކުރުމަށް އެންމެ އެދެވިގެންވާ ދުވަސްތަކުގެ ތެރޭގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ހިމެނިގެންވެއެވެ. މާތް ﷲ އެ ދުވަސްތައް ވަނީ އެހެން ދުވަސްތަކަށް ވުރެ މަތިވެރި ކުރައްވާ މާތް ކުރައްވައިފައެވެ.  فعن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މިދިހަ ދުވަހަށް ވުރެ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް)، ހެޔޮ ޢަމަލުކުރުން މާތް ﷲ ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ". ޞަޙާބީން ސުވާލު ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުންވެސްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުން ވެސް މެއެވެ. ނަމަވެސް އެމީހެއްގެ ނަފްސާއި މުދާހިފައިގެން ނިކުމެ އެނބުރި ނާދެވުނު މީހާ މެނުވީއެވެ".

އިސްވެދިޔަ ޙަދީޘުން ދޭހަ ވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ އެހެންދުވަސްތަކަށް ވުރެ  މާތްކަމުގެ ގޮތުން ވަރަށް ވެސް މަތިވެރި ދުވަސްތަކެއް ކަމެވެ. ރަމަޟާން މަހުގެ ފަހުދިހައަށް ވުރެ ވެސް މެއެވެ. އެހެން ނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކަކީ ޛުލްޙިއްޖާމަހުގެ ފަހު ދިހަ ރެއަށް ވުރެ މާތްކަން ބޮޑު ރޭތަކެކެވެ. ސަބަބަކީ އެ ރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެއްކަމުގައިވާ ލައިލަތުލްގަދްރި ވިލޭރޭ ހިމެނިފައިވުމެވެ.

އެހެންކަމުން ކޮންމެ މުސްލިމަކުވެސް މިދިހަ ދުވަހާ އިސްތިގްބާލު ކުރަންވާނީ ރަގަޅު ހެޔޮ ތައުބާއަކުން ތައުބާ ވެގެންނެވެ. އަދި މި ދިހަ ދުވަހުގެ ތެރޭގައި ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ. މިކަމަށް ޓަކައި އަންނިވި ޢަމަލުތައް ގިނަކުރެވޭތޯ ބަލަންވާނެއެވެ.

  1. ރޯދަ ހިފުން. މިދުވަސްތަކުގައި ހެޔޮ ޢަމަލު ގިނަ ކުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ބާރުއަޅުއްވައިފައިވެއެވެ. ހެޔޮ ޢަމަލުގެ ގޮތުން ކުރުން އެންމެ ރަގަޅު ޢަމަލަކީ ރޯދަހިފުން ކަމުން މިމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ގުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ. (كل عمل بني آدم له إلا الصيام فإنه لي وأنا أجزي به) މާނައަކީ:"ރޯދަ ފިޔަވައި، އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއް ވަނީ އޭނާއަށެވެ. އެ ރޯދަ ވަނީ ތިމަން ﷲއަށެވެ. އެޔަށް ޖަޒާ ދެއްވަނީ ތިމަން ﷲއެވެ". އެހެންކަމުން، ޛުލްޙައްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާ ކަމަށްވެއެވެ.
  2. ތަހްލީލު ތަކްބީރު ކިޔާ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުން ގިނަ ކުރުން. މި ދުވަސްތަކުގައި ގިނަގިނައިން ޛިކްރުކޮށް، ގެތަކުގައްޔާއި މިސްކިތްތަކުގައި، އަދި މަގުތަކުގައި މީހުންނަށް އުނދަގޫ ނުވާނެފަދައިން ތަހްލީލު ތަކްބީރު ތަސްބީޙް ގިނަ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ފިރިހެން ބޭފުޅުން އަޑުހަރުކޮށް، އަދި އަންހެން ކަނބަލުން ސިއްރިއްޔާތުގައެވެ. ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ) މާނައަކީ: "އެއީ އެއުރެންނަށް ހުރި (ދީނީ އަދި ދުންޔަވީ) މަންފާތަކެއް ލިބިގަތުމަށް ޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّهގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމް ސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށް ޓަކައެވެ". ކަނޑައެޅިގެންވާ ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ.

وعن عبد الله بن عمر رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިދިހަ ދުވަހަށް ވުރެ މާތްﷲގެ ޙަޟްރަތުގައި މާތްކަމާއި ލޮބުވެތިކަމުގެ ގޮތުން އިތުރު އެހެން ދުވަސްތަކެއް ނުވެއެވެ. ވީމާ، ތިޔަބައިމީހުން މިދުވަސްތަކުގައި ޙަމްދުކުރުމާއި ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުން އިތުރު ކުރާހުށިކަމެވެ"

ތަކްބީރުގެ ޞީޣާއަކީ ނުވަތަ ތަކްބީރު ކިޔާނެ ގޮތަކީ: (الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد) މިނޫން ވެސް އެތައް ޞީޣާ އެއް ސުންތުން ޘާބިތުވެއެވެ.

މިހާރަކަށް އައިސް ވަރަށް މަދުން މެނުވީ ތަކްބީރުގެ އަޑު އިވުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މަދު ބަޔަކު ސިއްރިއްޔާތުގައި ނޫންގޮތަކަށް ތަކްބީރު ކިޔައި އުޅޭތަން ނުފެނެއެވެ. އެހެންކަމުން، މީސްތަކުން ޣާފިލުކަމުން ހޭލައްވައި، އަދި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ ސުންނަތް ދިރުވުމުގެ ގޮތުން އަޑުހަރުކޮށް ތަކްބީރު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އިބްނުޢުމަރު އަދި އަބޫހުރައިރާ- ރަޟިޔަﷲ ޢަންހުމާ-އާ ދެބޭކަލުން ބާޒާރުގެ ތެރެއަށް ނިކުމެވަޑައިގެން މީސްތަކުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން އަޑުހަރުކޮށް ތަކްބީރު ކިޔައި އުޅުއްވި ކަމަށް ޘާބިތުވެއެވެ. އަދި މީސްތަކުން އެންމެން އެކުގައި އަޑުހަރުކޮށް ތަކްބީރު ކިޔައި އުޅުނެވެ.

ގެއްލިގެންދާ ނުވަތަ ގެއްލިގެން ދިޔުމާ ކައިރިވެފައިވާ ސުންނަތެއް ދިރުވުމަކީ ވަރަށް ވެސް ދަރުމަ ބޮޑު ކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ބަޔާންކޮށްދެއްވައިފައެވެ. ޙަދީޘް ކުރެއްވިއެވެ. (من أحيا سنة من سنتي قد أميتت بعدي فإن له من الأجر مثل من عمل بها من غير أن ينقص من أجورهم شيئاً) މާނައަކީ: "ތިމަންކަލޭގެފާނަށް ފަހުގައި ތިމަންކަލޭގެފާނުގެ ސުންނަތްތަކުގެ ތެރެއިން މަރުވަމުންދާ ސުންނަތެއް ދިރުވާ މީހަކަށް އެސުންނަތަކަށް ޢަމަލުކުރި މީހެއްގެ ދަރުމައިން އެންމެ ތަންކޮޅެއް ވެސް އުނި ނުވެ، އޭނާއާ އެއްވަރަށް ދަރުމަ ލިބޭނެއެވެ.

  1. ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން. މިދުވަސްތަކުގައި ކުރުން އެންމެ މާތްކަން ބޮޑުކަންތައްތަކުގެ ތެރޭގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން ހިމެނިގެންވެއެވެ. ރަގަޅު ހައްޖެއްކޮށްފި މީހަކަށް ސުވަރުގެ ނޫންތަނެއް ޖަޒާ އެއްގެ ގޮތުގައި ނުވާކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (الحج المبرور ليس له جزاء إلا الجنة) މާނައަކީ: "މަބްރޫރު ޙައްޖަކަށް ޖަޒާ އެއްގެ ގޮތުގައި ސުވަރުގެ ނޫންތަނެއް ނުވެއެވެ".
  2. އުޟްޙިޔާ ކަތިލުން: މިދުވަސްތަކުގައި ކުރުމަށް އެދެވިގެންވާ ކަންތައްތަކުގެ ތެރޭގައި ﷲގެ މަގުގައި ހޭދަކުރުން ގިނަކުރުން ހިމެނިގެންވެއެވެ. އެގޮތުން، ﷲއަށް ޓަކައި އެކަލާނގެ އިސްމުފުޅުގައި ގުރްބާނީއެއް ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. والله أعلم.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!