"ސާފު ރޯދަ" ހަރަކާތުގައި އެމްއޭސީއެލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެ

ކުރިއަށް އޮތް ރޯދަ މަހަށް މާލެ ސާފުކުރުމުގެ ނަމުގައި ކުރިއަށް ގެންދާ "ރޯދަ ސާފު" ހަރަކާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެ އެވެ.
އެ ހަރަކާތަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރޯދައަށް ސާފުކުރުމުގެ ޕްރޮގްރާމްގައި އެމްއޭސީއެލްގެ އިސްވެރިންވެސް ބައިވެރިވެވަަޑައިގެންނެވި/ ފޮޓޯ: އެމްއޭސީއެލް
ހަރަކާތުގައި އެމްއޭސީއެލްގެ ޓީމުތަކުން ސާފު ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އެކި ސަރަހައްދުތައް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލުން ބުނީ މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވީއައިއޭ ބޭއްވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެމްއޭސީއެލުން އަބަދުވެސް އެއަޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއާޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދެ އެވެ.
