ފަޅު ރަށަކުން ޑްރަގާއެކު ގްރޫޕެއް ހައްޔަރުކޮށްފި

ބ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ބ. މާރިކިލުން މަސްތުވާތަކެއްޗާ އެކު 9 މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ހައްޔަރުކުރި މީހުންގެ ވަނަވަރުވެސް އާއްމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި 6 ބިދޭސީންވެސް ހިމެނޭ އެވެ.
- މ. ޖަވާހިރުވާދީ، މާލެ، އަލްހާން ރަޝީދު ހުސައިން (49އ)
- ޏ. ފުވައްމުލައް / ދިގުވާނޑު، ހޮލެންޑް، މަރްޔަމް ރިފާއު ( (25އ)
- ރ. އިނގުރައިދޫ / ވަފާ، އަބްދުލް މުހްސިން ހަސަން (65އ)
- ކުމަރެސަން ޗިންނައިއަ، އިންޑިއާ (20އ)
- ދިނޭޝް ސައްމިޔައްޕަން، އިންޑިއާ (29އ)
- އެލަވެންޑަން ސިވަގުނަނަ ސަންޑަރަމް، ސްރީލަންކާ (39އ)
- ކަނަގަރާޖު ޕޮންނައްޔަ ސުޕައްޔަ، ސްރީލަންކާ (46އ)
- މުޙައްމަދު މައްސޫދު، ބަންގްލަދޭޝް (46އ)
- ސަބެޝަން ނަހާރަޖަ، ސްރީލަންކާ (31އ)
ފުލުހުން ބުނީ، މާރިކިލުގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެ އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު އަދި ބ. އަތޮޅު ފުލުހުން ގުޅިގެން ކަމަށެވެ.
އެ އޮޕަރޭޝަނުގައި މާރިކިލު ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
އެ އޮޕަރޭޝަނުގައި މާރިކިލުން 9 މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 162 ދަޅު ބަނގުރާއާއި ފަސް ފުޅި ބަނގުރާ އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 12.8 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި 9 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަބްދުލް މުހްސިން ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައި އަދި ދެން ތިބި 8 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.