ރިޕޯޓް

ތާރީޚުގައި ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައި ނުވަނީ 40 އަހަރު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 ވައިރަހުގެ ސަބަބުން މިއަހަރުގެ ހައްޖު އަޅުކަން ކެންސަލު ކުރަން ޖެހިދާނެ ކަމުގެ ސިގްނަލް ތަކެއް ސައުދީ ސަރުކާރުން ވަނީ ދީފައެވެ. ހަމަގައިމުވެސް މަތިވެރިވެގެންވާ ގެފުޅަށް ގޮސް، ހައްޖުވުމުގެ ފުރުސަތު ނުލިބުން ވެގެންދާނީ މުސްލިމުންގެ ހިތްތައް ހިތާމައިން ރޮއްވާލާނެ ކަމަކަށެވެ. މިއަހަރު ހައްޖުގެ އަޅުކަން މެދުކަނޑާލަން ޖެހިދާނެ ކަމުގެ ޚަބަރުތަކާއެކި، ތާރީހުގައި ، ހައްޖުގެ އަޅުކަން މެދުކަނޑާލީ ކިތައް ފަހަރުކަން ބަލައިލުމުގެ ޝައުގުވެރިކަން އުފެދޭނެއެވެ.

Ads by Sosun Fihaara

އިސްލާމީ ތާރީހުގައި ވެސް މަތިވެރިވެގެންވާ ގެފުޅަށް ގޮސް ހައްޖުވުން މެދު ކަނޑާލާފައިވަނީ 40 އަހަރުއެވެ. ތާރީހުގައި ހިނގާދިޔަ ބޮޑެތި ކަންތައްތަކުގެ ސަބަބުން ހައްޖު ފުރިހަމަ ނުކުރެވުނު ބައެއް ހާދިސާތަކަށް އަވަސް ކަޅިއެއް ހިންގާލަމާ ހިންގަވާށެވެ.

މީގެ 14 ޤަރުނުގެ ކުރިން ކީރިތި ރަސޫލާ ހައްޖަތުލްވަދާއުގައި ޚުތުބާ ދެއްވި ޖަބަލުއްރަޙްމާގައި މީލާދީން 865 ވަނަ އަހަރު ހިނގާދިޔަ ގަތުލްއާއްމުގެ ސަބަބުން ގިނަ ހައްޖުވެރިން ގަތުލް ވުމާއި ގުޅިގެން އެއަހަރުގެ ހައްޖު ވަނީ ފުރިހަމަ ނުކޮށް މެދުކަނޑާލާފައެވެ. އެ ގަތުލްއާއްމު ހިނގާދިޔައީ، ބަޤުދާދުގައި ޤާއިމްވެ އޮތް އައްބާސީ ޚިލާފަތުގެ ލަޝްކަރާއި އިސްމާއިލް ބިން ޔޫސުފްގެ ލަޝްކަރާއިދެމެދު ގައެވެ.

318 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޤަރްމާތީ ހަނގުރާމަވެރިން ހައްޖުމަހުގެ 9 ވަނަ ދުވަހު މައްކާއަށް އަރައި، 30000 ހައްޖުވެރިން ގަތުލުކުރުމާއި ގުޅިގެން އެ އަހަރުގެ ހައްޖުވެސް ވަނީ ކެންސަލުކޮށްފައެވެ. ޤަރްމާތީ ހަނގުރާމަ ވެރިން ވަނީ އެ ހަމަލާ 11 ދުވަސްވަންދެން ކުރިއަށް ގެންގޮސްފައެވެ. ބައެއް ތާރީހީ ފޮތްތަކުގައި ލިޔެވިފައިވާގޮތުގައި، ޙައްޖުވެރިން ޤަތުލުކޮށް އެމީހުންގެ ހަށިތައް ޒަމްޒަމް ވަޅަށް އަޅަމުން ގެންދިޔައެވެ.

އައްބާސީންއާއި ފާޠިމީންގެ ސިޔާސީ ކޯޅުމުގެ ސަބަބުން މީލާދީން 983 ވަަނަ އަހަރުގެ ހައްޖުގެ އަޅުކަން ވަނީ މެދުކަނޑާލާފައެވެ. އެ ކޯޅުންތަކުގެ ސަބަބުން 8 އަހަރުވަންދެން ވަނީ ހައްޖުގެ އަަޅުކަން ވަނީ މެދުކެނޑިފައެވެ.

މީލާދީން 1831 ވަނަ އަހަރު ފެތުރެން ފެށި ނުރައްކާތެެރި ބައްޔެއް ކަމަށްވާ ކޮލެރާގެ ސަބަބުން އެ އަހަރުގެ ހައްޖުވަނީ މެދުކަނޑާލާފައެވެ.އަދި މީލާދީން 1837 ވަނަ އަހަރު މައްކާގައި ފެތުރެންފެށި ބަލިމަޑުކަމާއި ގުޅިގެން 1840 ވަނަ އަހަރާއި ހަމައަށް ޙައްޖުގެ އަޅުކަން ވަނީ މެދުކަނޑާލާފައެވެ.

މިހާރު މުޅި ދުނިޔެއަށް ވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ އަސަރު މައްކާ އަދި މަދީނާއަށް ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. އެހެންކަމުން ސައުދީ އަރަބިއާއިން މިހާރުވަނީ އެޤައުމުގެ ބޯޑަރުތައް ވެސް ބަންދުކޮށް، އެއްވެ އުޅުން ނުވަތަ ބޮޑެތި ޖަމާޢަތްތައް ބޭއްވުން އެންމެންނަށް ވެސް މަނާ ކޮށްފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން ކެންސަލް ވެދާނެ ކަމުގެ ހިތާމަވެރި ޚަބަރު މިހާރު އަންގާފައިވާއިރު، ސައުދީ ސަރުކާރުން ވަނީ ޢުމްރާވުމަށް އެޤައުމަށް ދިޔުންވެސް ވަގުތީ ގޮތުން ހުއްޓާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!