ޚަބަރު

ހުއްދައާ ހިލާފަށް ބޭރުގައި ބައެއް ކޯސްތައް ހިންގަނީ؛ ސަނަދު ބަލައިނުގަންނަން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްކިއުއޭގެ ބައްދަލުވުމެއްގެ ތެރެއިން-

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ރާއްޖޭގައި ކޯސް ހިންގާ ގޮތަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ރާއްޖޭން ބޭރުގެ ބައެއް މަަރުކަޒުތަކުގައި އޭގެ ކޯސްތަކެއް ހިންގާ ކަމުގެ މައްސަލަ ފާހަގަވެގެން އެ ގޮތަށް ހިންގާ ކޯހެއްގެ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.

Ads by STELCO

އެމްކިއުއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްކިއުއޭއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އޮތޯރިޓީން ގަބޫލު ނުކުރާ ބޭރުގެ ބައެއް މަރުކަޒުތަކުގައި ހިންގަމުންދާ ކަމަށެވެ. އަދި އެފަދަ މަރުކަޒުތަކުގައި އެ ޕްރޮގްރާމްތައް ހިންގާ އިޝްތިހާރުކޮށް ސަނަދު ވެސް ދީފައިވާ ކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންވެ އެކަން ދަރިވަރުންގެ ސަމާލުކަމަށް ގެނެސް އެމްކިއުއޭއިން ބުނީ އެފަދަ މަރުކަޒުތަކުން ދޫކުރާ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށާއި އެކަމާ ހުރެ ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާވެސް ނުނަގާނެ ކަމަށެވެ.

"ވުމާއެކު ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ،" އެމްކިއުއޭގެ ބަޔާނުގައި ބުންޏެވެ.

އެމްކިއުއޭއިން އިތުރަށް ބުނީ  މަތީ ތައުލީމު ދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ ރާއްޖޭގެ މަތީ ތައުލީމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އެހެންވެ އެކަމާ ގުޅުން ހުރި އުސޫލެއް އެކުލަވާލާ އާންމުކުރުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށް އެމްކިއުއޭއިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!