ޚަބަރު

ރޯދަ މަހަށް ހުޅުމާލެ ސާފުކުރަން އެޗްޑީސީން ފަށައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ފަށައިގެން ކުރިއަށް ގެންދަނީ - ފޮޓޯ: އެޗްޑީސީ

ރޯދަ މަހާ ދިމާކޮށް ހުޅުމާލެ ސާފު ކުރުމަށް އެޗްޑީސީން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ރޯދަ ސާފު" ޕްރޮގުރާމު މި އަހަރު ވެސް ފަށައިފި އެވެ.

Ads by STELCO

އެޗްޑީސީން ބުނީ އެ ޕްރޮގުރާމަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށް ކަމަށެވެ.

ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަށް ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ގޮތުން، މިއަހަރުގެ ރޯދަ ސާފު އިވެންޓު މިއަދު ފެށީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުންނެވެ. މި އިވެންޓުގެ ދަށުން، އަންނަ ރޯދަ މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ފަށައިގެން ކުރިއަށް ގެންދަނީ - ފޮޓޯ: އެޗްޑީސީ

ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އިވެންޓުގައި ވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވާ ކަމަށް ބުންޏެވެ.

މި އިވެންޓުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން، އެންމެން ގުޅިގެން ރަށުތެރެ ސާފު ކުރުން ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މުސްތަގުބަލުގައި ވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށް ބުންޏެވެ.