ޚަބަރު

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހަޅައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބޭ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް މިރޭ ހުށަހަޅައިފި އެވެ.

Ads by Hajj Corporation

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާ އަށް ތަވާލުކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ.

މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަ އެވެ.

މެންބަރު ސައްތާރު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލުކުރުމަށެވެ.

އުނިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލީހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. މަޖިލީހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

މި ބިލު ހުށަހެޅިފައި މި ވަނީ، ސިޔާސީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން މި ފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައި، އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

މިހާރު ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނިންމުމަކާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ 7 ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ހުށަހެޅިއިރު ބައެއް ފަނޑިޔާރުންގެ ވަކިކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. ސަރުކާރުން އޭރު ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އެކުލަވާލިއިރު ވެސް ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އަދަދު ފަހަކަށް ތިރިކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރި އެވެ.

މި ފަހަރު ވެސް މަޖިލީހަށް ހުށަހަޅާފައިވަނީ އެފަދަ ބިލެކެވެ.

މިހާރު އޮތް ގޮތަށް އަނެއްކާ ވެސް 7 ފަނޑިޔާރުންނަށް ބަދަލުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނެވެ. އޭގެ ފަހުގައި އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބަލައި ވަކިކުރަން ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވައިގެން ވަކިކުރި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އޭރުގެ މަޖިލީހުން ރުހުން ދީ، އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.

  1. ޫޔާމީން

    ތިޔައީ ވަކިބަޔަކު ވަކިކުރަން ކުޜާކަމެއް.
    ޢަދި މިހާރު އޮތް މައްސަލައަށް ނުފޫޒު ފޯރުވުން.
    ޜައްޔިތުން ވިސްނާ.