ރޯދަ މަހު އެޗްޑީސީން ހާއްސަ ދީނީ ޕްރޮގްރާމްތަކެއް ގެނެސްދެނީ

ކުރިއަށް އޮތް ރޯދަ މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެޗްޑީސީން ދީނީ ދެ ޖަމިއްޔާއަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ގެނެސްދޭން ނިންމައިފި އެވެ.
'އަލް އަސްރު' އަދި 'އިލްމް ޖަމިއްޔާ' އާ ގުޅިގެން އެޗްޑީސީން ގެނެސްދޭން ނިންމާފައި ވަނީ ރޯދައާ ގުޅޭ ހާއްސަ ވީޑިއޯ ސީރީޒްތަކެކެވެ.
އެ ސީރީޒްތަކުގެ މަގްސަދަކީ، ރޯދަ މަހާ ދިމާކޮށް، އެ މަހަށް ބޭނުންތެރި އިލްމީ މައުލޫމާތު ފޯރުކޮށްދިނުމާއެކު، އިސްލާމީ ރިވެތި އާދަތަކާއި ދީނުގައި ކަންކަން އޮންނަ ގޮތް، ޝައުގުވެރި އަދި މައުލޫމާތުން ފުރިގެންވާ ވީޑިއޯތަކެއްގެ ސިފައިގައި ގެނެސްދިނުންކަމަށް އެޗްޑީސީން ބުންޏެވެ.
'އަލް އަސްރު'އާ ގުޅިގެން ގެނެސްދޭން ނިންމާފައިވަނީ "ގެއްލޭނެތަ" ނަމުގައި ވީޑިއޯ ސީރީޒް އެކެވެ.
- މިއީ، ރޯދަ ހިފުމުގެ މުހިންމުކަމާއި މާތްކަން އުނގަންނައިދީ، މުޖްތަމައުގައި ދީނީ ސާބިތުކަން އިތުރުކޮށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ ސީރީޒްއެއް
- ސީރީޒްގެ ދަށުން ކޮންމެ ދުވަހު ސޯޝަލް މީޑީއާއަށް ވީޑިއޯއެއް ދޫކޮށްލާނެ
އޭގެ އިތުރުން، 'އިލްމް' ޖަމިއްޔާއާ ގުޅިގެން، "ވާހަކަޔޯ ވާހަކަޔޯ" ގެ ނަމުގައި ކީރިތި ރަސޫލާގެ ސުންނަތުގެ އަލީގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ވާހަކަ ސީރީޒްއެއް ވެސް ކުރިއަށް ގެންދާނެ އެވެ.
- މިއީ އިސްލާމްދީނުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ އިލްމީ ވާހަކަތަކެއް ޝައުގުވެރި ގޮތަކަށް ކުޑަކުދިންނަށް ފޯރުކޮށްދިނުމަށް ގެނެސްދޭ ޕްރޮގްރާމެއް
- ހުޅުމާލޭގެ ހިތްގައިމު މާހައުލުތަކުން ވާހަކަ ސީރީޒް ގެނެސްދޭނީ ޝައިހް ޖައުފަރު މުހައްމަދު އުސްމާން
- ސީރީޒްގެ ދަށުން ރޯދަ މަހަގެ ކޮންމެ ހޮނިހިރު ދުވަހަކު، ވާހަކަ އެޕިސޯޑެއް އެޗްޑީސީ އަދި އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ގެނެސްދޭނެ
މިއީ، އެޗްޑީސީން އިލްމް އިންސްޓިޓިއުޓާ ގުޅިގެން މި ސީރީޒް ގެނެސްދޭ ދެވަނަ އަހަރެވެ.
