އަދީބު 15 ދުވަހަށް ބަންދުކޮށް، 7 މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައިކޯޓުން ހުކުމް ކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 15 ދުވަހުގެ މުއްދަތަކަށް ރިމާންޑު ޖަލެއްގައި ބަންދުކޮށް، އޭނާ ގެ 7 މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އަދީބަށް ކޮށްފައިވާ 7 ދައުވާ ވެސް ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން މިއަދު ހުކުމް ކުރީ، ކުރިން އެކޯޓުން އަދީބުގެ މައްސަލަތައް ބޭރު ކޮށްލުމާއި ގުޅިގެން އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ކުރީގެ ނައިބު ރައީސް އަދީބުގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އެމްއެމްޕީއާރްސީ ގެ ޚިޔާނާތުގެ މި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށް އަދީބު މިނިވަން ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 14 ވަަނަ ދުވަހުގައެވެ.
އަބީދުގެ މިހަތް ދައުވާ ވެސް އިބްތިދާޢީ އަޑުއެހުމުން ފެށިގެން އަލުން ބެލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.
މައްސަލައިގައި ފާހަގަކުރެވޭ ނުކުތާތަކަށް ވާހަކަ ދައްކަވަމުން ފަނޑިޔާރު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ 13 ވަނަ ބާބުގައި ބަޔާންކުރާ އުސޫލުތައް ދަށު ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު ހިފަހައްޓާފައި ނެތްކަމަށެވެ. އެގޮތުން އިބްތިދާއީ އަޑުއެހުމުގައި ކަންކުރަންވީ ގޮތް ބަޔާންކޮށްފައި އޮތްއިރު ހަމައެކަނި ފުރިހަމަވެފައިވަނީ ލިޔެކިޔުން ބަދަލުކުރުމުގެ ބައި އެކަނި ކަމަށެވެ.