ދެ ފަނޑިޔާރުން ވަކިކުރާ ބިލުގެ މަސައްކަތް މިއަދުން މިއަދަށް ކޮމިޓީން ނިންމަނީ

ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލުގެ ކޮމިޓީގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) އެވެ. ސަޓޯ، ބިލު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.
ބިލާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ ކޮމިޓީ ބައްދަލުވުން ފެށުމާއެކު ދެ ހުށަހެޅުމެއް ރިޔާސަތަށް ލިބުނެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވީ ބިލުގެ ސުންގަނޑި ރޯދަ މަހުގެ ފަހުން، އޭޕްރީލް މަހުގެ ފަހު ހަފްތާއަށް ކަނޑައެޅުމަށެވެ. މައުރޫފްގެ ހުށަހެޅުމަށް ތާއިދުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
އެ ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅީ ބިލު ދިރާސާކުރުމުގެ މަސައްކަތް މިއަދުން މިއަށް ނިންމުމަށެވެ.
"މިއީ އަލަށްކުރާ ކަމެއް ނޫން، މީގެ ކުރިންވެސް އެބަހުރި މިކަހަލަ މައްސަލަތައް އައީމަ ކޮމިޓީ މަސައްކަތް ނިންމާފައި" ޝާހިދު ވިދާޅުވި އެވެ. ޝާހިދުގެ ހުށަހެޅުމަށް ތާއިދުކުރެއްވީ ފޭދު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ.
އެމްޑީޕީގެ ދެ މެންބަރުން ފިޔަވައި ހުރިހާ މެންބަރުންގެ ވޯޓާ އެކު ކޮމިޓީގެ މަސައްކަތް މިއަދު މިއަދަށް ނިންމަން ވަނީ ފާސްކޮށްފަ އެވެ.