ޚަބަރު

ހިޔާނާތުން ހޯދާ މުދާ ދައުލަތުން ނަގާނެ ގޮތުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލައިިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
"އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު"ގެ ފޮތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ހިޔާނާތުން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ވަށާ ޖެހޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑެއް އެކުލަވާލައިފި އެވެ.

Ads by STELCO

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އޮނިގަނޑު ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފަ އެވެ.

"އެސެޓް ރިކަވަރީ ނަމޫނާ ގާނޫނު"ގެ ނަމުގައި ލިިޔެފައިވާ އެ ފޮތް ނެރެދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެ ރައީސް އަދި މާފުށީ ދާއިރާގެ މެމްބަރު، ހުސެއިން ރިޒާ އެވެ.

ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ހާއްސަ ގާނޫނެއް ރާއްޖޭގައި އަދި ނެތެވެ.

އެހެންވެ އެކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ ގޮތުން ކަމާ ގުޅޭ މުއައްސަސާތަކުގެ އިސްވެރިންގެ ބައްދަލުވުންތަކެއް 2023 ވަނަ އަހަރުން ފެށިގެން ވަނީ ބާއްވައިފަ އެވެ.

އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު ފަހުނާމާއެއްގައި ސޮއިކޮށް ގާނޫނުގެ ފުރަތަމަ ޑްރާފްޓްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔަ އެވެ.

އޭގެ ފަހުން އޭސީސީގެ މެންބަރުންގެ ލަފާއާއި އެ ކޮމިޝަނުގެ ދިރާސާއަށް ބިނާކޮށް، ރާއްޖޭގެ ހާލަތާއި ތަންފީޒު ކުރަމުން އަންނަ ގާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތްކޮށް އެސެޓް ރިކަވަރީގެ ވަށައިޖެހޭ ނަމޫނާ ގާނޫނެއް ޑްރާފްޓްކޮށް ނިންމި އެވެ.

އެސެޓް ރިކަވަރީ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި:

  • ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ގާނޫނީ އުޞޫލުތައް ކަނޑައެޅުން.
  • ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް އެ ތަކެތި ހިފެހެއްޓުމާއި ތަސައްރަފުކުރުން މަނާކުރުން.
  • ކުށްކުރުމަށް މަގުފަހިކުރާ ފައިސާއާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން.
  • ރާއްޖެއިން ބޭރުގައިވާ ކުށްކުށާގުޅޭ ފައިސާއާއި މުދާ ހޯދުމާއި ހަވާލުކުރުމުގެ އުސޫލުތައް ކަނޑައެޅުން.
  • ބޭރު ގައުމުތަކުގެ ކުށްކުށާ ގުޅޭ، ރާއްޖޭގައިވާ ފައިސާއާއި މުދާ ހޯދާ އެތަކެތި ގައުމުތަކާ ހަވާލުކުރުމުގެ އުސޫލުތައް ބަޔާންކުރުން.
  • ދައުލަތަށް ނެގޭ ފައިސާއާއި މުދަލާގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުން.