އުރުދުންގެ އަންހެނަކު ތުއްތު ދެކުދިން ކުނި ކޮށްޓަކަށް އެއްލާލައިފި
އުރުދުންގެ އަންހެނަކު ތުއްތު ދެކުދިން ކުނި ކޮށްޓަކަށް އެއްލާލައިފިއެވެ.
އުރުދުންގެ ފުލުހުންނާ އެގައުމުގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ދެކުދިން އެއްލާލާފައި ފިލައިގެން ދިޔަ ނަމަވެސް އެ މަންޒަރު ދުށް މީހުން އެބަތިބި ކަމަށެވެ. ފުލުހުން ބުނެފައި ވަނީ އެ އަންހެން މީހާ އެއްލާލާފައިވަނީ ހަމަހުގެ ކުއްޖަކާއި ދޮޅު އަހަރުގެ ކުއްޖެއް ކަމަށެވެ.
މި އަންހެން މީހާ ހިންގި ލާއިންސާނިއްޔަތު އަމަލާއެކު ދަރީންނަށް އެ ދިން ނިކަމެތި ކަމާއި ޖެއްސި ހާލުގެ ޚަބަރާއެކު އުރުދުންގެ އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. މީސްމީޑިއާއާއި މީޑިއާގެ އެހެނިހެން ވަސީލަތްތަކުގައި އާންމުންގެ ގިނަ ބަޔަކު ދަނީ މި މައްސަލައިގައި ވާހަކަ ދައްކަމުންނެވެ. އެ ގައުމުގެ އިޖުތިމާއީ ޚިދުމަތްތެރިއެއް ކަމަށްވާ ޑރ.ހުސައިން އަލް ޚުޒާއީ ބުނެފައި ވަނީ މިފަދަ ކަންކަން ހިނގަނީ މަންމައާ ބައްޕައާ ދެމެދު އުފެދޭ އާއިލީ މައްސަލަތައް ހައްލު ނުވެދިޔުމުން ކަމަށެވެ.
ޚުޒާއީ ބުނެފައި ވަނީ އުރުދުންގައި ކޮންމެ އަހަރަކު މިފަދަ 30-35 އާއި ދެމެދުގެ އަދަދެއްގެ މައްސަލަ ރިޕޯޓް ކުރެވޭ ކަމަށެވެ.