ޚަބަރު

އައްޑޫ ހަންކެޑެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި 24 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައްޑޫ ހަންކެޑެ ބްރިޖުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި، 24 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

Ads by STELCO

ފުލުހުންގެ ފަރާތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫއިން ހިތަދޫއަށް ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް ބްރިޖުގެ ބެންޑު ހިސާބުން ކޮންޓްރޯލް ގެއްލި، ބްރިޖުގެ ފެންސުގައި ޖެހުމުންނެވެ.

ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި، ނިޔާވި ޒުވާނާއަކީ އައްޑޫގައި ބޭއްވި ރޭސިން މުބާރާތެއްގައި ބައިވެރިވުމަށް މާލެއިން ގޮސްފައިވާ ފަރާތެކެވެ. އެކްސިޑެންޓް ހިނގީ ބްރިޖުގައި ރޭސިން ޖަހަމުންދަނިކޮށެވެ. މި އަހަރުގެ ކުރީކޮޅު ހުޅުވުނު ބްރިޖުގައި ހިނގާފައިވާ ފުރަތަމަ އެކްސިޑެންޓަކީ މިއީއެވެ.

މި ހާދިސާއާ ގުޅިގެން ފާހަގަކޮށްލެވޭ ކަމަކީ، "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕް" އަށް ފަރިތަކުރަމުން ދިޔަ އެހެން ޒުވާނަކުވެސް މިދިޔަ ހަފުތާގައި ހުޅުދޫގައި އެކްސިޑެންޓުވެ، މިވަގުތު ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމެވެ. މި މުބާރާތް ކުރިއަށް ގެންދަނީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުންނެވެ.