ޚަބަރު

ސުޕްރީމް ކޯޓު ތިން ފަނޑިޔާރުންގެ މައްސަލަ ބަލަނީ ނުފޫޒެއް ނެތި: އޭސީސީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޭސީސީގެ ރައީސް އާދަމް ޝާމިލް (ފޮޓޯ/އޭސީސީ)

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަަލަތައް އެއްވެސް ނުފޫޒެއް ނެތި ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިރޭ ބުނެފި އެވެ.

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލަމުން ދަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ އަދަަދު ހަތަކުން ފަހަކަށް ބަދަލުކުރަން ހުށަހެޅި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ. އަދި ބިލު ފާސްކުރި ތަނާ އޭސީސީން ޖިނާއީ ތަހުގީގެއް ހިންގަމުންދާކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ތިން ފަނޑިޔާރަކު މިއަދު ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އޭގެ ފަހުން އޭސީސީން މިރޭ ނެރުނު ބަޔާނުގައި ބުނީ ކޮރަޕްޝަންގެ ތުހުމަތެއްކޮށް އެއްވެސް ފަރާތެއްގެ މައްސަލަ ހުށަހަޅައިފިނަމަ އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެފަދަ ފަރާތެއްގެ މައްސަލަ ބެލުމަކީ އެ ކޮމިޝަންއަށް ގާނޫނީ ގޮތުން ވާޖިބު ކަމެއް ކަމަށެވެ.

"އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއް ނެތި ވަކި ފަރާތަކަށް ބުރަ ނުވެ ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ" އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ގާނޫނުތަކާއި ގަވައިދުތަކިން އޭސީސީގެ މައްޗަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަ ބަލަމުންދާނެ ކަމަށް އޭސީސީން ބުންޏެވެ.

ޖޭއެސްސީން މިއަދު ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. ނަމަވެސް އެ މީހުންގެ ބަލަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީންނާއި  އޭސީސީން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ގޮނޑި ގެއްލޭ މައްސަލަ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ވަކީލުން މިއަދު ބުނީ ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތަކެއް އުފައްދައިގެން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.