މިއަހަރު 30 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ނިމޭނެ: ފެނަކަ
ރަށްރަށުގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ފަށާފައިވާ ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް މިއަހަރު އެއްކޮށް ނިންމާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުން 27 ރަށެއްގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރައްޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އަދި އިތުރު 3 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި ރަށްރަށުގެ އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރުޢޫގެ ދަށުން، މި ނިމުނު 2019 ވަނަ އަަހަރު ގިނަ ރަށްތަކެއްގައި ވަނީ އައު އިންޖީނުގެތައް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައެވެ.
އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ނިންމީ އިންޖީނުން އަރާ ދުމުން އާއްމުންނަށް ލިބޭ ސިއްޙީ ގެއްލުންތަކާއި، އަދި އިންޖީނުގޭގެ އަޑު ގަދަވުމުގެ ސަބަބުން އާއްމުންނަށް ކުރިމަތިވާ އުނދަގޫތައް ޙައްލުކުރުމުގެ ގޮތުންނެވެ.
ފެނަކައިން މިހާރުވެސް ގެންދަނީ މިފަދަ 27 މަޝްރޫޢުއެއް ރާއްޖޭގެ 27 ރަށެއްގައި ހިންގަމުންނެވެ. އެގޮތުން ހއ.ތަކަންދޫ، ށ.ޅައިމަގު، ތ.އޮމަދޫގެ އިންޖީނުގޭގެ އާ އިމާރާތުގެ މަސައްކަތުގެ %99 މިހާރު ވަނީ ނިމިފައެވެ. އަދި ނ.މާޅެންދުއާއި ބ.ދޮންފަނުގެ އިންޖީނުގޭގެ މަސައްކަތުގެ %80 އަށްވުރެ ވަނީ ނިމިފައެވެ.
އަލަށް ފެށި މަޝްރުޢުތަކުގެ ތެރެއިން 8 އިންޖީނުގޭގެ އިމާރާތުގެ %40 މަސައްކަތް ނިމިފައިވާކަމަށް ފެނަކައިން ބުނެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އިތުރު 14 ރަށެއްގެ އިންޖީނުގެ އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
މި 27 ރަށުގެ އިތުރުން ގއ.ވިލިނގިއްޔާއި، ރ.ރަސްމާދޫ އަދި ހއ.އުތީމުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާކަމުގައި ފެނަކައިން ވަނީ ބުނެފައެވެ.
ފެނަކައިން ރަށްރަށުގައި އަލަށް ތަރައްޤީކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ފިއުލް ސްޓޯރޭޖް އަދި ޗިމްނީ ހުންނާނެއެވެ. އަލަށް ހަދާ ޗިމްނީއަކީ އިންޖީނުގެއިން އަރާ ދުމުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަވާނެ ގޮތަށް ހެދޭނެ ތަންތަނަށް ވާނެ ކަމުގައި ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނެފައި ވަނީ އައު އިންޖީނުގެތަކުން ޚިދުމަތްދޭން ފަށާއިރު އިދާރީ މަސައްކަތްތަކަށް ބޭނުންވާ ނެޓްވޯކްވެސް އަޕްގްރޭޑް ކުރާނެކަމަށެވެ.