ޚަބަރު

ބިދޭސީ ވިޔަފާރީގެ އައްޑާއެއް ރެއިޑްކޮށް 32 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއް/ ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި ހާއްސަ ރެއިޑު އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MPL

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ވީޑިއޯ ކްލިޕެއްގައި ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހު އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

"ރިޕޯޓުގައި ވަނީ މއ. ހިތިލާގެ ދޭކުން އާންމު ގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް،"

އެ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ ކަމަށެވެ. އަދި މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރަން އެ ގެއިން މީހުން ނިކުންނަ މަންޒަރާއި ޑެލިވަރީކުރަން ގެންގުޅޭ ސައިކަލުތައް އިމާރާތް ކައިރީގައި ހުންނަ މަންޒަރު ފެންނަ ކަމަށް އެ ވީޑިއޯގައި ބުންޏެވެ.

"މިއީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނެއްކަން ވެސް ރިޕޯޓުގައިވޭ،"

އެ އިމާރާތަކީ އާދައިގެ ގޮތަކަށް ޑެގްއަޅައިގެން ހަދާފައިވާ ހަތަރު ފަންގިފިލާގެ ބާ އިމާރާތެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން ވޮޗްއަށް ލިބުނު އެ ރިޕޯޓާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ 76 ބިދޭސީއެއްގެ ލިޔެކިޔުން ޓާސްކްފޯހުން ވަނީ ބަލާފަ އެވެ.

"މީގެ ތެރެއިން ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ މީހުންނާއި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއް މިހާރު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައި،"

މިފަދަ ރިޕޯޓުތައް އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ހުށަހަޅައި، އެ އިދާާރާއިން ކުރަމުން އަންނަ މަސައްކަތުގައި އާންމުން ދެމުން އަންނަ އެއްބާރުލުން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.

ރާއްޖޭން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. މިހާތަނަށް 25،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކްސް ޑޭޓާ ނަގާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

Ads by HDC
  1. ނާރުބޭ

    ބައެއް ކުންފުނި ތަކުން ބޭރުމީހުން ރާއްޖެ ގެނެއްސަ އެމީހުން ލައްވާ މަަސައްކަތް ކުރުވާފަ މުސާރައެއް ނުދޭ އެހެންވީމަ އެމީހުން ފިލާނެއެއްނުން މުސާރަ ނުދިނަސް އެކުންފުނި ތަކައް ވާއެއްވެސް ކަމެއް އޮތީކީނޫން ހުރިހާ ކޮންމެ ސަރުކާރެއް ވެސް މިތިބެނީ މަހުޖަނުންގެ އުނގުގަ

  2. މުޙައްމަދު އާދަމް

    މިސްކިތްތަކަށް ރޯދަ ވީއްލަން ގޮސް ތިބޭ ގަޑީގައި ރެއިޑެއް ޖައްސާލަބަ ނިކަން
    ލައްކަ މީހުން ތިބޭނެ…

  3. ދޮންކަނބުލޮ

    ސާބަހޭ ދަރިޔާ….