ދުނިޔެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ލޯބިވެރިޔާވެސް ކޯވިޑް19 އަށް ޕޮޒިޓިވް، އިނީ ކުއްޖަކަށް ބަލިވެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯސަންގެ ލޯބިވެރިޔާ ކެރީ ސައިމަން ވެސް ނުރައްކާތެރި ކޯވިޑް 19 ވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުން 33 އަހަރުގެ ކެރީ ކުރި ޓްވީޓެއްގައި ބުނީ، ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ބަލިކަމުން އޭނާ ރެސްޓް ކުރިކަމަަށާއި މިހާރު ހާލު ރަނގަޅު ކަމަށެވެ. ކެރީ އިތުރަށް ބުނީ ބަނޑުބޮޑު ދުވަސްވަރު ކޯވިޑް 19 އަށް ޕޮޒިޓިވް ވުމުން ވަރަށް ހާސްވާ ކަަމަށެވެ. ކެރީ ވަނީ އެ ޓްވީޓްގައި ބަނޑުބޮޑު އެހެން އަންހެނުން ބަލި ނުޖެހޭނެހެން ރައްކާތެރިވެގެން އުޅުމަށް އިރުޝާދު ދީފައެވެ.

އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ނަޑިން ޑޮރީސަ އަށް ވެސް ކޯވިޑް 19 ޖެހިފައިވާއިރު، އޭނާ ބުނީ ކެރީގެ ހާލު ދަނީ ގާތުން ބަލަމުން ކަަމަށާއި، ކޯވިޑް 19 ޖެހޭ މީހުން ގައިން އާއްމުކޮށް ފެންނަ އަލާމާތްތައް ކެރީ ގައިން ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ކެރީގެ ހާލު ދަނީ ދުވަހަކަށްވުރެ ދުވަހެއް ރަނގަޅު ވަމުން ކަމަށްވެސް ނަަޑިން ފާހަގަކުރިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯސަން ވެސް މިވަގުތު ހުރީ އައިސޮލޭޝަންގައެވެ. ޔޫކޭގައި ކޯވިޑް 19 ޖެހުނު މީހުންގެ އަދަދު މިހާތަނަށް 41903 އަށް އަރާފައިވާއިރު ބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4313 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!