އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިޒާރު ފޯމު ހުށަހަޅައިފި
މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ފޯމު ހުށަހަޅުއްވައިފިއެވެ.
ނިޒާރު ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ އައްޑޫ ސިޓީގެ ތަރައްގީ ހަލުވިކޮށް، މަލަމަތި ބަދަލުކޮށްލުމުގެ އުއްމީދުގައި ކަމަށެވެ.
އެގޮތުން މިއަދުވެސް ދައްކަންޖެހެނީ މީގެ އަހަރުތަކެއް ކުރަން ދެއްކި ވާހަކަތަކެއް ކަމަށާއި އައްޑޫގެ މަލަމައްޗަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ފާހަގަކުރަމުން ނިޒާރު ވިދާޅުވީ މިހާރު އޮތް ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދަނީ މަޑު ދުވެއްޔެއްގައި، ވިޔަސް ނުވަތަ ނުވިޔަސް ވަރިހަމަ އުސޫލުން ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިޒާރު ފޯމު ހުށަހަޅުއްވާފައިވާއިރު އޭނާގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.
ނިޒާރުގެ އިތުރުން މިހާތަނަށް އައްޑޫގެ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައިވަނީ ފާއިތުވި ތިން ދައުރުގައިވެސް އައްޑޫގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ)އެެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބާއްވާ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.