ޚަބަރު

ފައިސާ ޗާޕުނުކުރަން ޓްރޭޑް އެސޯސިއޭޝަންއިން ގޮވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެމްއޭ--

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުޅުމާލޭން ދެ ބިމެއް ގަންނަން ކަމަށް ބުނެ އެތައް ބިލިއަން ރުފިޔާއަށް ސާކިއުލޭޝަންއަށް ނެރުމަށް ފައިސާ ޗާޕުނުކުރަން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންއިން ގޮވާލައިފި އެވެ.

Ads by STELCO

ފައިސާ ޗާޕުނުކުރާނެ ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނި ނަމަވެސް އިދިކޮޅުން ތުހުމަތުކުރާ ގޮތުން އެކަން ކުރަން މިހާރު ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެމްއެމްއޭގެ ބޯޑުގައި ތިއްބަވާ ދެ ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާ އިރު ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރުމުގެ މަސައްކަތް ކުރަމުންދާތީ މިއީ ފައިސާ ޗާޕުކުރުމަށް ތައްޔާރުވަމުންދާ ކަމުގެ ހެއްކެއްކަމަށް އިދިކޮޅުން ދަނީ ބުނަމުން ނެވެ.

ބިން ގަތުމުގެ ނަމުގައި ހިންގަން އުޅޭ އަމަލާ ގުޅޭ ގޮތުން ލިބެމުންދާ މައުލޫމާތާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރޭޑް އެސޯސިއޭޝަންއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިއީ ހަމަ ސީދާ ފައިސާ ޗާޕުކުރުމާ އެއްފަދަ އަމަލެއް ކަމަށެވެ. އަދި މިއީ އިގުތިސާދު ފުނޑިގެންދާނެ ކަމަކަށްވާތީ އެ މާލީ ސިޔާސަތު ތަންފީޒުނުކުރަން އެ އެސޯސިއޭޝަންއިން ގޮވާލި އެވެ.

ޓްރޭޑް އެސޯސިއޭޝަންއިން ބުނީ 15 ބިލިއަން ރުފިޔާ ސާކިއުލޭޝަންއަށް ނެރެފިނަމަ

  • ރާއްޖޭގައި ތަކެތީގެ އަގުތައް މައްޗަށް ދާނެ
  • ރުފިޔާގެ އަގު ދަށްވެ ޑޮލަރުގެ ޑިމާންޑް އިންތިހާއަށް އިތުރުވެ އާންމު ރައްޔިތުންގެ ދިރިއުުމުގެ ހަރަދުތައް ބޮޑުވާނެ
  • ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވާނެ
  • ބޭރު ފައިސާގެ ރިޒާވަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ

"އެމްއެމްއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ކަނޑައަޅައި، ރުފިޔާގެ އަގު ހިފެހެއްޓުމެވެ. ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި މިފަދަ ގޮތަކަށް އެމްއެމްއޭގެ ރިޒާވްތައް ބޭނުންކުރުމަކީ ބައިނަލްއަގުވާމީ މާލީ އުސޫލުތަކާ ހިލާފު ކަމެކެވެ" އެސޯސިއޭޝަންއިން ނެެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ މައްސަލައިގައި އެމްއެމްއޭއިން ތެދު މައުލޫމާތު ހާމަކުރަމަށް ވެސް އެ އެސޯސިއޭޝަންއިން ގޮވާލައިފައި އެވެ.