އަލިފާން ނިއްވަން އުޅުނު އެމްޕީއެލްގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ އެމްޕީއެލްގެ ޕޯޯޓް ރެސިޑަންސްގެ އެޕާޓްމަންޓެއްގައި ރޯވި އަލިފާންގަނޑު ނިއްވަން އުޅުނު އެ ކުންފުނީގެ މުވައްޒަފުންގެ އަގު މިއަދު ވަޒަންކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސީނަށް ފުރަތަމަ އިޖާބަދިން އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓްގެ ދެ މުވައްޒަފުން ކަމަށްވާ މުހައްމަދު އައިހަމް އަދި އަހުމަދު އާތިފް އެވެ.
އޭގެ އިތުރުން އަލިފާން ނިއްވާލުމުގައި އަމަލީ ގޮތުން ޕޯޓް ހިޔާ ކޮމެޓީގެ މެމްބަރ ނަވާޒް މުހައްމަދު ސައީދާއި އެހެނިހެން މުވައްޒަފުން ބައިވެރިވި އެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖުމަންޓްއިން ވަނީ އެ މުވައްޒަފުންނާ ބައްދަލުކޮށް އެ މީހުންގެ އަގު ވަޒަންކޮށްފަ އެވެ. އަދި ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ޕޯޓް ރެސިޑަންސްގައި ދިރިއުޅެމުންދާ ހުރިހާ ފަރާތެއްގެ ނަމުގައި އެ މުވައްޒަފުންނަށް ޝުކުރު ވެސް އަދާކުރި އެވެ.
އެމްޕީއެލްއިން ބުނީ އައިހަމްއާއި އާތިފް ދެއްކި ހިތްވަރާއި، އަވަސް ހަރަކާތުގެ ސަބަބުން، އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓުރޯލްވެ، އެ ހާދިސާގައި ބޮޑު ގެެއްލުމެއް ކުރިމަތިވުމުގެ ކުރިން އަލިފާން ނިއްވާލެވުނު ކަމަށެވެ.
"މި ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީވެސް މި ފަދަ ނަމޫނާ މުވައްޒަފުންނަށްވުމަށް ކުންފުނިން ހިތްވަރުދެއެވެ." އެމްޕީއެލްއިން ބުންޏެވެ.
