ޗައިނާގެ ސަރަޙައްދީ ސަރުކާރުތަކުން މާލީ ދަތިކަމާ ގުޅިގެން ބޮޑެތި ޖޫރިމަނާތައް ކުރަން ފަށައިފި

ޗައިނާގެ ސަރަޙައްދީ ސަރުކާރުތަކުން މާލީ ދަތިކަމާ ކުރިމަތިލާން ޖެހުމާ ގުޅިގެން، އާމްދަނީ އިތުރުކުރުމަށްޓަކައި ބޮޑެތި ޖޫރިމަނާތައް ކުރަން ފަށައިފިއެވެ. މި ކަމާ ގުަމާ ގުޅޭ ގޮތުން ހޯންގ ކޯންގ ޕޯސްޓުން ރިޕޯޓެއް ޝާއިޢުކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޗައިނާގެ ގިނަ ސަރަޙައްދުތަކުގައި ކުދި ކުށްތަކަށް ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާ ކަމަށް ރައްޔިތުން ޝަކުވާ ކުރަމުންދެއެވެ. މީގެ ތެރޭގައި ޓްރެފިކް ގަވާއިދާ ޚިލާފުވުމާއި، ތިމާވެށި ހަލާކުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ޗައިނާގެ މާލީ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ސަރަޙައްދީ ސަރުކާރުތަކުގެ ދަރަނި 3 ޓްރިލިއަން ޔުއާން (ގާތްގަނޑަކަށް 465 ބިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެކެވެ.
ބައެއް އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި، މި ފަދަ ގޮތަކަށް އާމްދަނީ އިތުރުކުރުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުރުހުން އުފެދި، އިޤްތިޞާދީ ދުވެލި މަޑުޖެހުމަށް މަގުފަހިވެދާނެ ކަމަށް އެ ފަރާތްތަކުން ވިދާޅުވެއެވެ.
ޗައިނާގެ މަރުކަޒީ ސަރުކާރުން މިހާތަނަށް މި މައްސަލައާ ގުޅޭ ގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، ސަރަޙައްދީ ސަރުކާރުތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އައު ސިޔާސަތުތަކެއް ތަޢާރަފުކުރުމަށް ރޭވެމުންދާ ކަމަށް ބައެއް މަޞްދަރުތަކުން މަޢުލޫމާތު ދެއެވެ.