ދުނިޔެ

މީހެއްގެ ރަހިމުން 6 ކިލޯގެ ޓިއުމަރެއް ނަގައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދުބާއީ،ޔޫއޭއީ: ޔުނިވަރސިޓީ ހޮސްޕިޓަލް އޮފް ޝާރުޖާހް ހޮސްޕިޓަލްގައި ކުރި ބޮޑު ސާޖަރީއެއްގައި މީހެއްގެ ރަހިމުން 6 ކިލޯގެ ޓިއުމަރެއް ނަގައިފިއެވެ.

Ads by Sosun Fihaara

މި ސާޖަރީ ކުރި ޓީމުގައި އިސްކޮށް ހަރަކާތްތެރިވީ 30 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޕްރޮފެސަރ މުޙައްމަދު ޒައިދެވެ. އޭނާ ވަނީ ނުރައްކާތެރި 10،000 އަށް ވުރެ ގިނަ ސާޖަރީ ކޮށްފައެވެ.

ޝާރުޖާހު ހޮސްޕިޓަލުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި 28 އަހަރުގެ ބަލި މީހާ އެ ހޮސްޕިޓަލަށް ދިޔައީ ދަށްބަނޑު ދުޅަވުމާއި ، ރިއްސުމުގެ އިތުރުން ހަޖަމު ކުރުމުގެ މައްސަލަތައް ދިމާވުމާއި ގުޅިގެންނެވެ. އޭގެ ކުރީން އޭނާ އެގައުމުގެ އެހެން ހޮސްޕިޓަލްތަކަށް ވެސް ގޮސް ޓެސްޓްތައް ހަދާފައިވާ ކަމަށް ޝާރުޖާހް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މީޑިއާތައް ބުނެފައިވާ ގޮތުގައި މި ސާޖަރީގެ ނުރައްކާތެރި ކަމާއެކު އެހެން ބައެއް ހޮސްޕިޓަލްތަކުގައި އޮޕަރޭޝަން ކުރުމަށް އެ ތަންތަނުގެ ޑޮކްޓަރުން ވަނީ އިންކާރު ކޮށްފައެވެ.

ޝާރުޖާހު ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ މި ބޮޑު ސާޖަރީ ކާމިޔާބުވުމާއި ގުޅިގެން އެ ހޮސްޕިޓަލްގެ ސީއީއޯ ޢަލީ އުބައިދު ވެސް ވަނީ މީޑިއާއާ މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ބުނީ ވޭތުވެދިޔަ އަހަރުތަކުގައި އެ ހޮސްޕިޓަލުން އެންމެ ހުނަރުވެރި އެންމެ ކުޅަދާނަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރި ކަމަށާއި މިފަދަ ނަތީޖާތައް ނެރެވެނީ އެ މަސައްކަތުގެ ސަބަބުން ކަމަށެވެ.

އަދި ބަލިމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އުފާވެރި އެހެން ޚަބަރެއް ވެސް އޮތް ކަމަށް ވެސް ޢަލީ ފާހަގަ ކުރިއެވެ.

"އެއީ ޑޮކްޓަރުން ވަނީ (ޓިއުމަރ ނެގުމުގެ އިތުރުން) އޭނާގެ ރަހިމް ވެސް ސަލާމަތް ކޮށްފައި، ދަރިމައިވުން ރައްކާތެރިކޮށްފައި ، އެއީ ވަރަށް ރިސްކު ހައި ސާޖަރީއެއް" ޑޮކްޓަރ ޒައިދުގެ ނަން ފާހަގަ ކުރަމުން ސީއީއޯ ބުނެފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!