ޚަބަރު

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުން އިމާދު އިސްތިއުފާ ދެއްވައިފި

. ، ދެން އޮންލައިން
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު / ފޮޓޯ:އެމްޕީއޭއޯ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފައި ވަނިކޮށް، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Ads by STELCO

އިމާދު އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް އެމްއެމްއޭގެ އޮފިޝަލަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

އިމާދު ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުމަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދެވެ.

މާލިއްޔަތު ކޮމިޓީއަށް ލަތީފް ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރު ކަމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކޮށްފައި ވަނީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރެއްވުމުގައި އިހުމާލުވެވަޑައިގެންފައިވާތީ ކަމަށެވެ.

ގަވަރުނަރު އޭރު ނިންމެވި ހުރިހާ ނިންމެވުންތަކުގައި ޑެޕިއުޓީ ގަވަރުނަރުގެ ހައިސިއްޔަތުން އިމާދު ބައިވެރިވެވަޑައިގެންފައިވާ ކަމަށާ އަދި އެ ނިންމެވުންތަކުގެ ޒިންމާ އޭނާ ވެސް ނަންގަވަން ޖެހޭނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެމްއެމްއޭގައި މަސައްކަތް ކުރައްވާތާ 25 އަހަރުވެފައިވާ އިމާދު، ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 24 ވަނަ ދުވަހު އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވިއިރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެސްޓިސްޓިކްސް ޑިވިޝަންގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ. އިމާދު ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީ) ގެ ބޯޑު މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

އެމްއެމްއޭގެ ބޯޑުގައި ޑެޕިއުޓީ ގަވަރުނަރު އިމާދު ވެސް އިންނަވަ އެވެ. ޒަޔާނާއި ޝުހާދުގެ އިތުރުން އެ ބޯޑުގައި ދެން ތިއްބަވަނީ ގަވަރުނަރު އަހްމަދު މުނައްވަރާއި އެމްއެމްއޭގެ އެޑްވައިޒަރު އިދުހާމް ހުސައިން އަދި ޕްރައިވެޓް ސެކްޓަ ތަމްސީލު ކުރައްވާ ދެ މެމްބަރުން ކަަމަށްވާ މަހްޒޫމް ސަލީމް އަދި ފާތިމަތު ޝަފީގާ އެވެ.

Ads by Ooredoo