ޚަބަރު

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފި އެވެ.

Ads by MPL

މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމެއް ކަމަށް ބުނެފައިވަނީ ޓޫރިޒަމާބެހޭ ގާނޫނު ގައި ބަޔާންކުރާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާގުޅޭ އުސޫލާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހުކުރުމަށް ޓަކައި، އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމާބެހޭ އުސޫލުތަކާއި، ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.

އެ އިސްލާހުގައި، މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ، އެ ރަށެއް ނުވަތަ، ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސް ގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތަކުގައި ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަޙައްދުތަކުގައި ތަރައްގީ ކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާތަކެވެ.

އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު، ދޫކުރެވިދާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް ފީ އެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭން ވާނެކަމަށް، އިސްލާހުގެ ދަށުން ކަނޑައަޅާފައިވެ އެވެ. މުއްދަތު އިތުރުކުރެވޭނީ ގިނަ ވެގެން 49 އަހަރުދުވަހުގެ މުއްދަތަށެވެ.

ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގައި އަދި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ހިދުމަތް ދޭން ފައްޓައިފައި ނުވާނަމަ އަމަލުކުރާނީ، އެ ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީންކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު" އުވި، އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވީ ކަމަށްވެސް މި އިސްލާހު ގައި ބަޔާންކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.