އަލްޙަމްދުالله، އުމްރާގެ އަޅުކަމަށް ސައުދީ ހުޅުވާލަނީ
އެކި މަރުހަލާތަކަށް ބަހާލައިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ ހުޅުވާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އަރަބި މީޑިއާތައް ބުނާ ގޮތުގައި ހަތް މަހުގެ ބަންދަކަށް ފަހު ސައުދީން ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން އުމްރާގެ އަޅުކަމަށް ހުޅުވާލުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން ސައުދީގެ ރަށްވެހިންނަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސަލާމަތީ މިންގަނޑުތަކާއެކު ދުވާލަކު 6000 އުމްރާވެރީންނަށް ފުރުސަތު ދޭނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
އުމްރާ ކުރުމަށް ސައުދީން ބޭރުގެ ރަށްވެހީންނަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު 1 އިން ފެށިގެންނެވެ. ނަމަވެސް އެ ގައުމަށް ދަތުރުކުރުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކޮވިޑް19 ގެ ރައްކާތެރިކަން އޮތް ގައުމު ތަކަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަން ނިމެންދެން ، އެހެން ގައުމުތަކުގެ ރަށްވެހީންނަށް ހުއްދަ ދޭއިރު ، އެގައުމުން ސައުދީއަށް ދަތުރު ކުރުމުގައި ރައްކާތެރިކަން ޔަގީން ކުރާނެ ކަމަށް މީޑިއާތައް ބުނެފައި ވެއެވެ.
19 މިލިއަން މީހުން މިދިޔަ އަހަރު ވަނީ އުމްރާގެ އަޅުކަން އަދާކޮށްފައެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް އަހަރަކު ތިން މިލިއަނެއްހާ މީހުން މައްކާއަށް ޖަމާވެއެވެ. ނަމަވެސް ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިކަމަށް ޓަކައި ، އެންމެ ފަހުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީން ހުއްދަ ދީފައި ވަނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ.
ހައްޖާއި އުމްރާގެ އަޅުކަމަކީ ސައުދީ އިގްތިސާދުގެ ވެސް މުހިންމު ބައެކެވެ. ސައުދީގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ހައްޖާއި އުމްރާގެ އަޅުކަމުގެ ތެރެއިން އެގައުމަށް އަހަރަކު 12 ބިލިއަން ޔޫއެސް ޑޮލަރު ލިބެއެވެ.