އެކޮމޮޑޭޝަން ބްލޮކްތަކެއް ބަލައި ފާސްކޮށް އަށް ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތަކެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް މީހަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯހުން ދަނީ ރެއިޑު އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ހޯމަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ރެއިޑުގައި ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.
އިމިގްރޭޝަނުން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓުގައި ވަނީ އެ ރެއިޑުގެ ވީޑިއޯ އާންމުކޮށްފަ އެވެ. ވީޑިއޯއިން ފެންނަނީ އެ ތަންތަނުގެ ތެރޭގައި ތޮއްޖެހިގެން މީހުން ދިިރިއުޅެމުންދާ މަންޒަރެވެ.
އެއްތަނެއްގައި ގާތްގާތުގައި ބަންކު އެނދުތައް ބަހައްޓާފައި ހުރިއިރު އެނދުގެ އަރިމަތީގައި ވާ ދަމައި، ލާން ގެންގުޅޭ އަންނައުނު ވަނީ އަޅާފަ އެވެ. ޖާގައިގެ ގޮތުން ކުޑަ ކަމަށް ފެންނަ އެ ތަނުގައި މީހުން ކެއުންބުއިމަށް ބޭނުންކުރަމުންދާ ތަނުގެ ތެރޭގެ ހާލަތު ވެސް ވަކި ތަފާތެއް ނޫނެވެ.
ރެއިޑުގައި އޮފިސަރުން ދެން ވަދެފައި ވަނީ ޖާގައިގެ ގޮތުން ތަނަވަސް ތަނަކަށެވެ. ކޮޓަރިތަކުގައި ނިދަން ބޮޑެތި އެނދުތައް ހުރިއިރު މުށިތައް މަތީގައި ތަންމަތި އަޅާފައި ހުއްޓެވެ. އަލަމާރި ފަދަ ތަކެތި ހުރި ނަމަވެސް ކޮޓަރީގެ ތެރޭގައި އެއްވެސް ތަރުތީބެއް ނެތެވެ. އަންނައުނު ދޮވެހަދަން ވަކި ތަނެއް ހުއްޓަސް ބޭނުންކުރަމުންދާ ފާހާނަތެރެ ނުތާހިރެވެ.
އިމިގްރޭޝަނުން ބުނީ އެކޮމޮޑޭޝަން ބްލޮކްތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓުކޮށްފައިވެ އެވެ.
ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވެ އެވެ.