ޚަބަރު

އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ސްޓެލްކޯގެ އެމްޑީ ފަހުމީ

މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގަިއ ފަހުމީ ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އަދި ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އޭނާ އިލްތިމާސްކުރި އެވެ.

މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ.

އޭނާ ވިދާޅުވީ މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި ކަމަށެވެ.

އެހެންކަމުން އެންމެން އެކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސޯދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމުގައި ފަހުމީ ވިދާޅުވި އެވެ.

Ads by Ooredoo