ޚަބަރު

ނަބަވީ މިސްކިތުގެ އިމާމު ރާއްޖެއިން ފުރާވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނަބަވީ މިސްކިތުގެ އިމާމު ރާއްޖެއިން ފުރާވަޑައިގެންނެވުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަސްޖިދުއް ނަބަވީގެ އިމާމު، ޝައިހް ޑރ. ސަލާހުލް ބުދައިރު، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

Ads by MPL

އިސްލާމިކް މިނިސްޓްރީން ބުނީ އިމާމު ފުރާވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.

ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރެއްވުމަށް އިސްލާމީ އުއްމަތުގެ ފުންނާބު އުސް ފާހަގަކޮށްލެވޭ އިލްމުވެރިން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމިކް މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވައި އިމާމު ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއްކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލުކުރެއްވިއިރު، އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާ ވެސް އިމާމު ބައްދަލުކުރައްވާފައިވެ އެވެ.

އަދި އިމާމުންނާއި ހަތީބުންނާއި ބައްދަލުކުރައްވައި ނަސޭހަތުގެ ބަސްކޮޅެއް ވަނީ ދެއްވާފަ އެވެ. ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާއި ދަރިވަރުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމުގެ އިތުރުން ސަލްމާނު މިސްކިތަށް ޒިޔާރަތްކުރައްވާ ކީރިތި ގުރުއާން ހިތުދަސް ކުރާ ދަރިވަރުންނާ ބައްދަލުކުރައްވާ ހިތްވަރު ދިނުމުގެ ބަސްކޮޅެއް ވެސް އެމަނިކުފާނު ދެއްވެވި އެވެ.

އަދި ރާއްޖޭގެ އިލްމުވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ދަރިވަރުންނާ ބައްދަލުކުރައްވާ އުފާވެރި ވަގުތުކޮޅެއް ވެސް ވަނީ ހޭދަކުރައްވާފަ އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ސަލްމާން މިސްކިތުގައި އަދި އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރެއްވިއިރު، މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާ އަސަރުގަދަ ހުކުރު ހުތުބާއެއް ދެއްވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ހަރަމްފުޅުގެ އިތުރު އިމާމުން ރާއްޖެއަށް ގެންނެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.