ރިޕޯޓް

އާއިލާއަށް ދިމާވި ހިތާމަވެރި ވަގުތުގައިވެސް ބަޔަކު ބެލީ ސިޔާސީ ހަސަދައެއް ފިލުވާލެވޭތޯ! ހިތާމަ ހުރި!

ދެން އެމްވީ ، ދެން އޮންލައިން

6 އޭޕްރީލް 2020 ވެގެން ދިޔައީ ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ދެ ރައީސެއްގެ އާއިލީ ހިތާމައިގެ ދުވަހެއްގެ ގޮތުގައެވެ. ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައްތާފުޅު މޫމިނާ އަބްދުލްގައްޔޫމް އަވަހާރުވުމަކީ އެ އާއިލާއަށް ލިބުނު ބޮޑު ހިތްދަތި ކަމެކެވެ.

Ads by MWSC

އާއިލާގެ ފަރާތުން ކަށުކަމާކެމީގެ ކަންކަން ކުރިޔަށް ގެންގޮސް ނިންމާލި އިރު އެ ކަންކަމުގައި ބައިވެރިވުމުގެ ނަސީބު ނުލިބުނީ އެކަމަނާގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމް ތަންފީޒުކުރައްވަމުން ގެންދަވާތީވެ، އެ މަނިކުފާނަށް ވަނީ ކަށުކަމާކެމީގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބިފައެވެ.

މިފަދަ ބޮޑު ހިތާމައެއްގައި އާއިލާ އޮއްވާ ސިޔާސީ ހަސަދަވެރިކަމެއް ފިލުވާލުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން ރައީސް ޔާމީނާއި ގުޅޭގޮތުން ވަނީ ހަބަރެއް ޕަބްލިޝްކޮށް މީސް މީޑިއާއަށް ދޫކޮށްލާފައެވެ. މިއީ އާއިލީ ކަމަކަށް ވާއިރު ބަޔަކު މިގޮތަށް ކަންކަން ކުރުމަކީ ގަސްތުގައި ރައީސް ޔާމީނަށް ދިން ހަމަލާއެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޚަބަރުގެ ސުރުހީގައި އޮތީ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދިނުމުންވެސް ދައްތާފުޅުގެ މޫނުބަލާލުމަށް ރައީސް ޔާމީން ވަޑައިނުގަތް ވާހަކައެވެ. އަދި އެއީ ލިބުނު މައުލޫމާތެއްކަމަށާއި، އެކަންކަން ކަރެކްޝަނަލް ސާވިސްއިން ދޮގު ނުކުރާކަމަށެވެ. ދޮގު ނުކުރާ ކޮންމެ ކަމަކީ ހަޤީގަތަކަށް ނުވެދާނެއެވެ. އަދި މައުލޫމާތު ދިނުމަށް އިންކާރުކުރުމަކީ ވެސް އެ މައުލޫމާތަކީ ތެދުކަމުގައި ނުވެދާނެއެވެ.

މިގޮތަށް ޚަބަރެއް ޕަބްލިޝްކޮށްލުމުން ގިނަ ބަޔަކު ރައީސް ޔާމީނަށް ފާޑު ކިޔަން ފެށިއެވެ. ނަމަވެސް މިއީ އެކަން ހިނގާ ދިޔަ ގޮތް ނޫންކަމަށް އެންމެ ފުރަތަމަ ވިދާޅުވީ އެއާއިލާގެ މެންބަރެއް ކަމުގައިވާ، މޫމިނާއަށް ބޮޑުދައިތަ ވިދާޅުވާ، ޣައްސާން މައުމޫނެވެ. ޣައްސާން ވަނީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ބަލައިގަންނަން އުނދަގޫ ޚަބަރެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ދެން އޮތީ ކަރެކްޝަންސްގެ ބަހެވެ. އެ އޮފީހުގެ ބަހެއް ނުލިބެއެވެ. އާއިލާގެ ފަރާތުން ޣައްސާނު ވަނީ އެ ޚަބަރު ދޮގުކޮށްފައެވެ.

ދެން އުފެދޭ ސުވާލަކީ ރައީސް ޔާމީން ހަމަ ޤަސްތުގައި ދައްތާފުޅުގެ މޫނު ބަލާލުމަށް ވަޑައިނުގަތީތޯއެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވީ، ރައީސް ޔާމީން އެދިވަޑައިގަތީ ދައްތާފުޅުގެ މޫނު ބަލާލުމަށްފަހު ކަށުކަމާކެމީގެ ކަންތަކުގައި އާއިލާއާއިއެކު ބައިވެރިވުމަށެވެ. ނަމަވެސް ކަރެކްޝަންސް އިން އާންމުކޮށް އަމަލު ކުރާ އުސޫލާއި ތައާރަޒުވާތީވެ، ހޯމް މިނިސްޓްރީގެ ހުއްދައަކަށް ރައީސް ޔާމީން އެދިވަޑައިގަތް ގޮތަށް ކަރެކްޝަންސް އިން ފޮނުވިކަމަށެވެ. އަދި ހޯމް މިނިސްޓްރީގެ ޖަވާބެއްގެ އިންތިޒާރުގައި ރައީސް ޔާމީން ހުންނަވަނިކޮށް ދައްތާފުޅުގެ ކަށުކަމާކެމީގެ ކަންކަން ނިންމައި ފަސްދާނުލީކަމަށެވެ.

މިފަދަ އާއިލީ ހިތާމައިގެ ދަނޑިވަޅެއްގައި އެއް ބަޔަކު އަނެއް ބަޔަކަށް އޮންނަ ސިޔާސީ ހަސަދަވެރިކަން އިސްކޮށް އަނެކާ ކަތިލާލުމަކީ ވަރަށް ގޯސްކަމެއްކަމަށް މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޕްރޮޕެގެންޑާއެއް ކަމަށްވެސް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި ކަމާއި ގުޅިގެން ރައީސް މައުމޫން އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ގިނަ އާންމުންވެސް ދަނީ ވަކި މީޑިއާއަކަށް ނުބަލާ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!