ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 13 ބިދޭސީން އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަނުން ހިންގި ރެއިޑުގައި ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދަނީ / ފޮޓޯ:އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ 13 ބިދޭސީއަކު އަތުލައިގެންފި އެވެ.

Ads by STELCO

މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ އެކްސްގައި ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އާދިއްތަ ދުވަހު މާލޭގެ ޒިކުރާ މިސްކިތާއި ބޮނޑިބަތް ޕާކު ސަރަހައްދުގައި ހަރަކާތްތެރި ވަމުންދިޔަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން 35 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން 13 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެ އިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފުރުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ ބަޔަކު ޑީޕޯޓު ކޮށްފައިވެ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވި މީހުންނެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް 59 ރަށެއްގައި ދިރިއުޅޭ 43،294 ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ ތެރެއިން 24,540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވެ އެވެ.

އިމިގްރޭޝަނުން ދާދިފަހުން ބުނީ މިހާރު ކުރިއަށްދާ ރެއިޑްތަކާ އެކު، ގިނަ ބިދޭސީން އުޅެނީ ގަވާއިދާ އެއްގޮތަަށްކަން ފާހަގަވެފައިވާ ކަމަށެވެ.

Ads by HDC