ދެ މިނިސްޓްރީއަކުން އެމްއެމްއޭގެ ބޯޑަށް އާ ބޭފުޅުން ހަމަޖައްސައިފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގައި ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރަން އާ ބޭފުޅުން ހަމަޖައްސައިފި އެވެ.
ހުޅުމާލެއިން ބިމެއް ގަތުމަށްޓަކައި އެމްއެމްއޭއިން ފައިސާ ޗާޕުކުރަން އުޅުނު މައްސަލަ ފެންމަތިވިތަނާ އެމްއެމްއޭގެ ބޯޑުގައި އެ ދެ މިނިސްޓްރީ ތަމްސީލުކުރައްވަމުން ގެންދެވި ދެ ބޭފުޅުން މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެމްއެމްއޭގެ ރަސްމީ ވެބްސައިޓުން ދައްކާ ގޮތުން އިސްތިއުފާ ދެއްވި ދެ ބޭފުޅުުންގެ ބަދަލުގައި އެ އިދާރާގެ ބޯޑަށް މިހާރު ވަނީ އާ ދެ ބޭފުޅުން ހަމަޖައްސައިފަ އެވެ.
އެގޮތުން ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ މެމްބަރަކަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ހަމަޖެއްސިއިރު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބޯޑަށް ހަމަޖައްސައިފައިވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު އެވެ.
އެ ދެ ބޭފުޅުން ބޯޑަށް އައްޔަނުކުރީ ކޮން އިރަކު ކަމެއް ސާފެއް ނުވެއެވެ.
ފައިސާ ޗާޕުކުރުމުގެ މައްސަލައިގައި ހިޔާލު ތަފާތުވެފައިވާ އިރު އެެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ޒިންމާ އަދާނުކުރައްވާ ކަމަށް ބުނެ ވަކި ކުރަން މަޖިލީހުން މަސައްކަތް ކުރަމުން ދަނިކޮށް އޭނާ މިދިޔަ މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ނިމިގެން ދިޔަ ހަފްތާގައި ވަނީ އާ ޑެޕިއުޓީ ގަވަރުނަރަަކަށް އައިޝަތު އަސްނާ ހަމްދީ ހަމަޖައްސަން ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފަ އެވެ.
