ސީޒަންގެ ދިގު ފިލްމީ ސީޒަން: އަދިވެސް ބޭނުންވަނީ ޝިރާނީއާއެކު ވަރަށް ލޯބިން ލޯބި ލަވައެއް ކުޅެލަން
ދިވެހި ފިލްމީ ދާއިރާގައި މިއަދު އެންމެ ސީނިއަރ އެއް ނަމަކީ ސީޒަން އަލީ އެވެ، އޭނާ އަކީ 1990 ގެ އެންމެ ފަހު ދުވަސްވަރު ދިވެހި ފިލްމީ ދާއިރާއަށް ގެނެސްދިން އާ މޫސުމެކެވެ. އެ ދުވަސްވަރު އޭނާ ވަނީ ދިވެހި ގިނަ އަންހެން ކުދިންގެ ހިތްތައް ފަތަހަ ކޮށްފައެވެ.
ރާއްޖޭގެ ކުރީގެ ސުޕަރ ސްޓަރ ރީކޯ މޫސާ މަނިކަށް ބޮޑުބޭބެ ކިޔާ ، ސީޒަންގެ ލަވަތަކާއި ފިލްމުތައް ބެލުމަށް މަރުދޭ އޭނާގެ ފޭނުން އޭރު ވެސް ތިބި ފަދައިން މިހާރު ވެސް އެފަދަ އެތައް ފޭނުންނެއް އެބަ ތިއްބެވެ. "ނޯޓީ ފޯޓީ"ގެ އުމުރުތައް ގުނަމުންދާ ސީޒަން، ފިލްމީ ދާއިރާގައި އަދިވެސް އޭނާގެ "ސީޒަން"ގެ ގޮތުގައި ރަސްކަން ކުރަނީއެވެ.އެންމެ އުހުގައި ދުވަސްތައް ގުނަމުން ދަނީއެވެ،
ސީޒަންގެ ފިލްމީ ކެރިއަރުގެ ގިނަ ވާހަކަތަކެއް ސީޒަން ވަނީ އަޅުގަނޑުމެންނާ ހިއްސާ ކޮށްފައެވެ. ދެއްވި ވަގުތުކޮޅަށް ޓަކައި ހިތުގެ ފުންމިނުން ޝުކުރު ދަންނަވަމެވެ.
ސީޒަންގެ ފިލްމީ ކެރިއަރުގެ ފެށުން
ސީޒަން ބުނީ އޭނާ ސުކޫލް ނިންމުމަށްފަހު ދިޔައީ ފިލްމީ ދާއިރާއަށް ނުކުމެވޭނެ ރަނގަޅު ފުރުސަތެއް ހޯދަމުން ކަމަށެވެ. އެގޮތުން ރަނގަޅު ލަވައަކުން ނުވަތަ ރަނގަޅު ފިލްމަކުން ފުރުސަތެއް ލިބޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮންމެކޮންމެ ލަވައަކުން ނުވަތަ ކޮންމެކޮންމެ ފިލްމަކުން ދާއިރާއަށް ނުކުތުމަކީ އޭނާ އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އޭނާ ބޭނުންވީ އޭނާގެ ފެށުން ވެސް ރަނގަޅު ފެށުމަކުން ފަށާށެވެ. އެގޮތުން ރަނގަޅު ފުރުސަތަކަށް ބަލަބަލާ ހުއްޓާ އޭނާއަށް ފުރުސަތެއް ލިބުނީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަދި އާއިލީ ރަހުމަތްތެރިއެއް ކަމަށްވާ މަރިޔަމް ނިޝާގެ އެހީތެރިކަމާއެކުގައެވެ.
ސީޒަން އަށް އެންމެ ފުރަތަމަ ފުރުސަތު ލިބިގެން ދިޔައީ 1998 ވަނަ އަހަރު ސީޒަންގެ އުމުރުން 22 އަހަރުގައެވެ. ހަގީގަތުގައި ލަވައެއް ވެސް ނޫނެވެ. ހޭޔަންބޯގެ 200 ވަނަ ޕްރޮގްރާމަށް ލަވައެއްގެ ގޮތުގައި ގެނެސްދިން އާޅެމަކުންނެވެ.
ސީޒަން ބުނީ އެންމެ ފުރަތަމަ ކުޅުނު އެ ލަވަ ރިލީޒް ނުވާ ކަމަށާއި އެ ލަވަ މިހާރު ވެސް އާކައިވްސްގައި ވެސް ފެންނަން ހުރިހެން ހީނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ސީޒަންގެ ފިލްމީ ކެރިއަރުގެ ފެށުމެވެ.
ސީޒަންގެ އެންމެ ފުރަތަމަ "ބޮޑު ޕްރޮޖެކްޓް"
ސީޒަންގެ ފުރަތަމަ މަސައްކަތަށްފަހު އޭނާއަށް ރަނގަޅު ޕްރޮޖެކްޓެއް (ފިލްމަކުން) ލިބުމަށް ގާތްގަނޑަކަށް 7-8 މަހުގެ މުއްދަތެއް ނެގި އެވެ. އެގޮތުން ފިލްމީ ދާއިރާގައި ސީޒަންއަށް ލިބުނު އެކަނިވެރިކަން ފިލައިގެން ދިޔައީ ސްލޭމް ސްޓޫޑިއޯއިން ތައްޔާރު ކުރި "އެކަނިވެރިޔާ" އިންނެވެ. އެ ފިލްމުގެ ލީޑްރޯލަށް މީހަކު ހޯދުމަށް ދޮންއަންނާރު ރަޝީދު ކުރި މަސައްކަތުގައި ސީޒަންގެ އެކަނިވެރިކަން ފިލައިގެން ދިޔަ ނަމަވެސް އެ ފިލްމް ރިލީޒްވީ އެހެން ނަމެއްގައެވެ.
މި ފިލްމުން ސީޒަންގެ ފިލްމީ މަސައްކަތްތައް ފެށި ނަމަވެސް ފިލްމީ ދާއިރާއަށް ސީޒަންގެ އެހެން ފިލްމެއް އުފަންވިއެވެ. އެންމެ ފުރަތަމަ ރިލީޒްވި ސީޒަންގެ ފިލްމަކަށް ވެގެން ދިޔައީ "2000 ވަނަ އުފަން ދުވަސް" އެވެ. ސަޕޯޓިންގެ އެކްޓަރެއްގެ ރޯލް ސީޒަން އަދާ ކުރި އެފިލްމު ވެގެން ދިޔައީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެއްގެ ގޮތުގައެވެ.
ސީޒަންއަށް އެންމެ ގިނައިން ކުޅެވިފައި ހުރީ ކޮންކަހަލަ ފިލްމެއް؟
ސީޒަންގެ ގިނަ ފިލްމުތަކަށް ބަލާލައިފިނަމަ އެކި ރަހަތަކުގެ ފިލްމުތައް ސީޒަން ކުޅެފައި އެބަހުއްޓެވެ. އެގޮތުުން ބެލުންތެރިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި "ހިތްއެދެނީ" އަދި"ހިތް ޔާރާ ދީފާ" ފާހަގަ ކޮށްލެވެއެވެ. ހިތާމަވެރި ފިލްމުތަކުގެ ތެރެއިން "ޒުލޭހާ"އާއި "ދަރިންނަަށްޓަކައި" ވެގެން ދިޔައީ އޮލިމްޕަސްގެ މާހައުލު ރުއިމުގެ އަޑު ގަދަވި ފިލްމުތަކަކަށެވެ.
ސީޒަންގެ ބިރުވެރި ފިލްމުތައްވެސް މަދެއް ނޫނެވެ. އެގޮތުން "ޖިންނި" އާއި "ގިނިހިލަ" ވެގެން ދިޔައީ ކާމިޔާބު ފިލްމު ތަކަކަށެވެ.
ފިލްމީ ދާއިރާގައި ސީޒަން ހޭދަ ކުރި 22 އަހަރުތެރޭގައި އޭނާއަށް ކުރެވުނު އެންމެ ކާމިޔާބު އަދި އެންމެ ހިތްހަމަ ޖެހޭ މަސައްކަތެއްގެ ގޮތުގައި ވެސް ސީޒަން ފާހަގަ ކުރީ ފިލްމު "ގިނިހިލަ"އެވެ. ކާމިޔާބު ހިންދީ ފިލްމު ރާޒްގެ ކޮޕީއެއް ކަމަށްވާ "ގިނިހިލަ"އިގައި އޭރު އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ނިއުމާ އާއި މަރިޔަމް ނިޝާ އަދި ރީކޯ މޫސަގެ އިތުރުން އައްސަދު ޝަރީފް ވެސް މުހިންމު ރޯލްތަކެއް އަދާކުރިއެވެ.
ސީޒަންގެ ކޮމެޑީ ފިލްމުތަކަކީ އެފިލްމުތައް ބަލައިފިނަމަ މީހަކު ހީހީ ބިން މައްޗަށް ދެމޭވަރުގެ ފިލްމުތަކެވެ. އެގޮތުން "ނޯޓީ ފޯޓީ" އަދި "ފޯޓީ ޕްލަސް" އަކީ ފަހަކަށް އައިސް ދިވެހީން ހީހީ އަވަދިކޮށްލި އެންމެ "ހިޓު" ވި ދެ ކޮމެޑީ ފިލްމެވެ.
ސީޒަންގެ ފިލްމުތަކަށް ބަލާއިރު އެންމެ ގިނައިން ކުޅެވިފައިހުރީ ވަަރަށް ސީރިއަސް އަދި ވަރަށް ނެގެޓިވް ރޯލްކަން ފާހަގަ ކުރެވެއެވެ. އަދި "ނެގެޓިވް" ރޯލްތަކަކީ އޭނާ އެންމެ ކުޅޭ ހިތްވާ ރޯލެވެ.
"ވަރަށް ހަމަޖެހިލައިގެން ހުންނަ ، އެކަމަކު ވެސް ޕޮސިޓިވް ކެރެކްޓަރސް އަށްވުރެން ހަމަ ނެގެޓިވް ކެރެކްޓރސް އަށް އަބަދުވެސް ލޯބި ކުރެވެނީ. އެކަމަކު ޕަބްލިކަށް ބަލައިފިއްޔާ "ޒުލޭހާ" އަދި "ހިތް އެދެނީ"ގަ ކުޅެފަ އިން ރޯލް އެއީ ދިވެހި ފިލްމެއްގައި ފިރިހެނަކަށް ކުޅެވޭނެ އެންމެ މާތް 2 ކެރެކްޓަރ ، އެ ދެ ކެރެކްޓަރ އަކީ ބެލުންތެރިން އެންމެ ބަލައިގަތް ދެ ކެރެކްޓަރ"
ސީޒަން
ބޭނުންވަނީ ޝިރާނީއާއެކު ވަރަށް ލޯބިން، ލޯބި ލަވައެއް ކުޅެލަން
މިހާތަނަށް ފިލްމެއް ކުޅެން ފުރުސަތު ނުލިބި ހުރި ފަންނާނުންގެ ތެރެއިން އެންމެ ފިލްމެއް ކުޅެލާ ހިތްވަނީ ނުވަތަ ލަވައެއް ކުޅެލާ ހިތް ވަނީ ކޮން ފަންނާނަކާއެކުތޯ ސުވާލު ކުރުމުން ސީޒަން ދިން ޖަވާބަކީ މިއީއެވެ.
"ވަގުތު އަނބުރާ ގެނެވޭނަމަ ޝިރާނީއާ އެއްކޮށް ވަރަށް ބޭނުންވޭ ވަރަށް ލޯބިން ވަރަށް ލޯބި ލަވައެއް ކުޅެލަން. ވަގުތު އަނބުރާ ގެނެވޭނަމަ ޝިރާނީ ބޭނުން ވަނީ"
ސީޒަން ބުނީ މިހާރު ވެސް ޝިރާނީ ފެންނަ އިރަށް އޭނާއާ ދިމާއަށް ވެސް އެހެން ބުނާކަމަށާއި ސީޒަން ފެނުމުންވެސް ޝިރާނީ ވަރަށް ލަދުގަންނަކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
އުފާވަނީ ކުރާހިތްވާ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދޭތީ
ފިލްމީ ދާއިރާއަކީ އާންމުންގެ "ނެގެޓިވް" ކޮމެންޓްސް ވެސް ވަރަށް ގިނައިން ލިބޭ ދާއިރާ އެކެވެ. ދިވެހި ފިލްމީ ތަރިންނަކީ ވަރަށް ގިނަ ފަހަރު އާންމުންގެ މަލާމާތާއި ފުރައްސާރަ ލިބޭ ބައެކެވެ. މިކަމާ މެދު ސީޒަން ބުނަނީ ކީކޭ ހެއްޔެވެ؟
ސީޒަން ބުނީ ފިލްމު ކުޅުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކިތަންމެ ބޭނުންވި ކަމުގައިވިޔަސް ފިލްމު ކުޅެން ފުރުސަތު ނުލިބޭ އެތައް ބަޔަކު ތިބެދާނެ ކަމަށެވެ. ހަމައެހެންމެ ހުނަރު ހުރި ނަމަވެސް ފިލްމު ކުޅެން ބޭނުން ނުވާ ވެސް އެތައް ބަޔަކު ތިބެދާނެ ކަމަށް ސީޒަން ފާހަގަ ކުރިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ބޮޑު އިންސައްތަ އަކީ ހެނދުނު ހޭލައިގެން ގޮސް އެމީހަކު ކުރާ ހިތްވާ މަސައްކަތް ކުރާ މީހުން ނޫން ކަމަށާއި ހަމަ އެކަނި އާމްދަނީ ހޯދުމަށް އޮފީސްތަކަށް ދާ މީހުން ވެސް މަދު ނޫން ކަމަށް އޭނާ ފާހަގަ ކުރިއެވެ. ހަމަ އެބީދައިން އެމީހަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ނުދެވިފައި ތިބި އެތައް ބަޔަކު މި ކުޑަކުޑަ މުޖުތަމައުގައިވެސް އުޅޭނެ ކަން ސީޒަން ފާހަގަ ކުރިއެވެ.
" އެހެންވީމާ އަހަރެން އަބަދުވެސް ގަބޫލުކުރަނީ ދުނިޔޭގެ އެންމެ ނަސީބު ރަނގަޅު މީހާއަށޭ ލިބޭނީ މި ފުރުސަތު، އެމީހާ އެ ކުރާހިތްވާ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުން، އެއީ ވަރަށް ނަސީބު ރަނގަޅު މީހަކަށް ލިބޭނެ އެއްޗެކޭ"
ސީޒަން ފިލްމީ ދާއިރާގައި ކުރާ ހިތް ނުވާ އޮތީ އެންމެ މަސަައްކަތެކެވެ. "ޑަބިންގް އިންޖިނީރ" އަކަށް ނުވެވޭނެ ކަމުގައި ސީޒަން ފާހަގަ ކުރިއެވެ. އެނޫން ކޮންމެ ކަމެއްވެސް ހަމަ މި ދާއިރާގައި ކުރާ ހިތުން ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ސީޒަންގެ ދިގު ކުރިއަރުގައި ކުރިމަތިވި ގޮންޖެހުންތައް
ސީޒަން ބުނީ އެންމެ ފުރަތަމަ ފިލްމީ ކެރިއަރު ފެށުނު އިރުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާއި އެ ގޮންޖެހުންތަކުން އަރައިގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން އަދިވެސް ހުރީ އެ ގޮންޖެހުންތައް ކަމަށާއި އެކަންތައްތައް އަދިވެސް ބަދަލު ނުވާ ކަން ސީޒަން ފާހަގަ ކުރިއެވެ.
"ރާއްޖޭގަ ބަދަލުވާނީ ސަރުކާރު، ރާއްޖޭގަ ބަދަލުވާނީ ވެެރިކަން ކުރާ މީހުން، ވެރިކަން ކުރާ ޕާޓީގެ ނަން، ތިބޭނީ އެއްބައެއް، އެހެން ގޮތަކަށް އެހެން ސިފައެއްގަ. އެހެންވީމަ އެއްވެސް އެއްޗެއް ބަދަލެއް ނުވާނެ. ހަމަ ސޭމް"
ރާއްޖޭގެ ހުރިހާ ވިޔަފާރި އަކަށްވެސް އަދި ރާއްޖޭގެ ގިނަ ދާއިރާތަކަށް ވެސް އެންމެ ބޮޑަށް އަަސަރު ކުރަނީ އެންމެ ސަބަބަކާ ހެދިކަމަށާއި އެއީ ރާއްޖޭގެ އާބާދީ ކަމުގައި ސީޒަން ފާހަގަ ކުރިއެވެ. މުނިފޫހި ފިލުވުމުގެ ދާއިރާއަށް ވަކިން ހާއްސަކޮށް އެކަމުގެ ސަބަބުން ވަރަށް ބޮޑު އަސަރެއް ކުރާ ކަމުގައި ވެސް އޭނާ ބުންޏެވެ.
އެމެރިކާއިން ހޮލީވުޑްގެ ފިލްމަކަށް 43 މިލިއަން ޑޮލަރު ހަރަދު ކުރިއޭ ބުނުމުން ސިއްސައިގެން ދާން ނުޖެހޭ ކަމުގައި ސީޒަން ބުންޏެވެ. ސަބަބަކީ އެގައުމުގެ އާބާދީއަށް ބަލާއިރު ބޮލަަކަށް 2 ރުފިޔާ ވެސް އެ އަދަދުން ބަލައިފިނަމަ ނުޖެހޭ ކަމުގައި ސީޒަން ފާހަގަ ކުރިއެވެ. އެގޮތުން އިނގިރޭސިން ވާހަކަ ދައްކަން އެނގޭ އެތައް ބަޔަކު ދުނިޔޭގައި އުޅޭ ކަމަށާއި އެއިން ކޮންމެ މީހެއްގެ ބޮލަކަށް އެންމެ 2 ރުފިޔާ ވެސް އެ ފިލްމުތަކުން ނުޖެހޭ ކަމަށް ސީޒަން ބުންޏެވެ.
"އެކަމަކު ރާއްޖޭގައި ހަދާ ފިލްމެއް މިހަދަނީ ބޮލަކަށް 3 ރުފިޔާ ޖެހޭ. ކޮންމެ ރައްޔިތަކަށް. އެހެންވީމަ މިހާ އަގުބޮޑުކޮށް ފިލްމު ހަދާ ގައުމެއް މަދުވާނެ ދުނިޔޭގައި ވެސް. ރާއްޖޭގައި މި ހަދާ ފިލްމުތަކަކީ އާބާދީއާ އަޅާ ބަލައިފިއްޔާ ހޮލީވުޑު ބޮލީވުޑު ކިޔާނެ ކަމެއް ނެތް ތި ހުރިހާ ވުޑަކަށްވުރެ ވެސް މާ އަގުބޮޑު ފިލްމުތަކެއް"
އެހެންކަމުން އިއްޔެ ވެސް މިއަދު ވެސް ފިލްމީ ދާއިރާގައި އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީ ކަމުގައި ސީޒަން ގަބޫލު ކުރެއެވެ.
ފޭނުންނަށް ހުރީ ހުސް އުފާވެރި ޚަބަރު
ސީޒަން ބުނީ އޭނާގެ ފޭނުންނަށް ދޭން އޮތީ ހުސް އުފާވެރި ޚަބަރު ކަމަށާއި ހާއްސަކޮށް ކުރިއަށް އޮތް 2021 ވަނަ އަހަރަކީ ފިލްމުތަކަށް ލޯބި ކުރާ ފަރާތްތަކަށް ވަރަށް އުފާވެރި އަހަރަކށް ވެގެންދާނެ ކަމަށެވެ.
ފުދޭ ވަރަކަށް ރަނގަޅު ފިލްމުތަކެއް މިހާރުވެސް އުފައްދާފައި އެބަހުރި ކަމަށާއި އަދިވެސް ފިލްމުތައް އުފައްދަމުންދާ ކަމަށް ސީޒަން ފާހަގަކުރިއެވެ. އެގޮތުން ކުރިއަށް އޮތް އަހަރަކީ ކޮވިޑް-19ގެ ވަބާއިން ސަލާމަތްވެ އާންމު ހާލަތަކަށް ދެވި ރަނގަޅު އަހަރަކަށް ވެގެންދާނެ ކަމަށް އޭނާ އުއްމީދު ކުރެއެވެ. ސީޒަންގެ "ލޯބި ވެވިއްޖެ" ފިލްމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށާއި މަސައްކަތް ކުރަމުން އެދަނީ މި އަހަރު ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާ އަވަސް މުސްތަގުބަލެއްގައި ބެލުންތެރިންނާއި ހަމައަށް ދޫކޮށްލުމަށް ކަމުގައި އޭނާ ބުންޏެވެ.
އަލަށް ދާއިރާއަށް ނުކުންނަ ފަންނާނުންނަށް މެސެޖެއް
ފިލްމީ ދާއިރާއިން މިއަދު އައު އެތައް މޫނުތަކެއް ދަނީ ފެންނަމުންނެވެ. އެގޮތުން ގިނަ އަންހެން އަދި ފިރިހެން ފަންނާނުންތަކެއް ވެސް މި ދާއިރާއަށް އަލަށް އުފަންވަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. މި ފަންނާނުންނަށް ސީޒަން ވަނީ ހާއްސަ މެސެޖެއް ދީފައެވެ،
"ފަންނާނުންނަށް ބުނެލަން އޮތް އެއްޗަކީ މަސައްކަތަކީ މަސައްކަތްކަން ދަނެގެން މަސައްކަތް ކުރާށޭ. ވާހަކަ އަކީ ފިލްމު ކުޅުމަކީ ސަކަރާތެއް ނޫނޭ. މިވެސް ހަމަ ވަރަށް ސީރިއަސް މަސައްކަތެކޭ. މީގަ މުހިންމު އަނެއް ކަމަކީ މަަސައްކަތުގެ ޑިސިޕްލިންއޭ "
މީގެ އިތުރުން ސީޒަން ބުނީ، ރަށަކަށް ނުވަތަ ތަނަކަށް ބޮޑު ޓީމަކާއެކު ފުރައިގެން ޕްރޮޖެކްޓަކަށް ދާނަމަ އެ ދެވެނީ ބައެއްގެ ބެެލުމުގެ ދަށުގައިކަން ދަންނަން ޖެހޭ ކަމަށެވެ. އެގޮތުން އެ ދެވެނީ ޑައިރެކްޓަރު ނުވަތަ ޕްރޮޑިއުސަރުގެ ބެލުމުގެ ދަށުގައިކަން ހަނދާންކުރަން ޖެހޭ ކަމަށްވެސް ސީޒަން ފާހަގަ ކުރިއެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އެމީހާއަށް ފަސޭހަވާނެ ގޮތަކަށް މަސައްކަތްތައް ރާވައިގެން ކުރިއަށް ގެންދިއުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
އަދި ހަމައެހެންމެ މިހާރުގެ ޖެނެރޭޝަންގައި އަލަށް ދާއިރާއަށް ނުކުތް ކުދިންތަކުގެ ތެރޭގައި ވަރަށް ހުނަރުވެރި ކުދިން ތިބި ކަން ސީޒަން ފާހަގަ ކުރިއެވެ. އެގޮތުން ހުރިހާ ކުދިންނަކީ ވެސް ވަރަށް އަޚްލާގު ރަނގަޅު ކުދިންތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރިއެވެ.
ސީޒަންގެ ޝުކުރުގެ ލިސްޓު
ސީޒަން ބުނީ އެންމެ ފުރަތަމަ ފިލްމީ ކެރިއަރު ފެށި ހިސާބުން ފަށައިގެން ވެސް އޭނާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަަކަމަށެވެ. އެގޮތުން އޭނާގެ މަންމަ އާއި ބައްޕަ އަދި ދޮންދައްތަގެ ނަން ޚާއްސަ ގޮތެއްގައި ފާހަގަ ކުރިއެވެ. އަދި ހަމަ އެހެންމެ އޭނާގެ ފޭނުންނަކީ ފިލްމީ ދާއިރާގައި މިހާ ހިސާބަށް އާދެވުމުގެ ސިއްރު ކަމުގައި ސީޒަން ފާހަގަ ކުރެއެވެ.
ސީޒަންގެ ފިލްމީ ކެރިއަރުގައި އޭނާ ވަނީ އެތައް ކާމިޔާބީތަކެއް ހޯދާފައެވެ. ގައުމީ ފެންވަރުގައި ގިނަ އެވޯޑް ތަކެއް ވެސް ވަނީ ހޯދާފައެވެ. "ހިތް އެދެނީ"އިން 2007 ވަނަ އަހަރު އޭނާއަށް ލިބުނު ބެސްޓް އެކްޓަރުގެ އެވޯޑަކީ ސީޒަންގެ ކާމިޔާބީތަކުގެ ފެށުމެވެ. އޭގެ ފަހުން "ޒުލޭހާ" އަދި "ދިން ވޭނުގެ ހިތާމައިގައި" އަކީ ސީޒަންގެ ޓްރޮފީ ކެބިނެޓް މުއްސަނދި ކޮށްދިން ފިލްމު ތަކެވެ،
ބައިނަލްއަގްވާމީ ކާމިޔާބީއަކަށް ބަލާާލާއިރު ސާފް ފިލްމު ފެސްޓިވަލްގައި "އިންސާނާ" އިން ލިބުނު އެވޯޑަކީ ސީޒަންގެ އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި އެއީ އޭނާއަށް މިދާއިރާއިން ލިބުނު އެންމެ ބޮޑު އުފަލެވެ.
ދިވެހި ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސީޒަންގެ އުއްމީދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ކާމިޔާބީތަކެއް އޭނާއަށް މިދާއިރާއިން ހާސިލު ކުރެވޭނެ ދުވަހެއް ފެނުމެވެ.
ދިވެހި ފިލްމް އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި މިފަންނާނާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލެވުން ވެގެން ދިޔައީ އުފާވެރިކަން ލިއްބައިދިން ކަމަކަށެވެ. އަޅުގަނޑުމެންނާ "ދެން"ގެ ފަރާތުން ސީޒަން އަށް އެދެނީ އަދަށް ވުރެ ފަހި މާދަމާ އަކަށެވެ.
ޑިސިޕްލިންއޭ ހިފަހައްޓާށޭ ކިޔާފަ އަލަށްނުކުންނަ ކުދިންނާ އެ އޮންނަންޖެހޭ ޕްރޮފެޝަނަލް ގުޅުންނޫން އެހެން ގުޅުންބޭއްވީމަ ކޮންތާކު އެޖެހުނީ